ޚަބަރު

ކޯވިޑް-19 : ޙާލަތު ހުރިގޮތުން އޭ ލެވެލް އިމްތިޙާނު ރާއްޖޭގައި ނުބޭވޭނެ - އެޑިއުކެޝަން މިނިސްޓްރީ


މި އަހަރުގެ މެއި، ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އިމްތިހާނު ކޯވިޑް-19ގެ ޙާލަތު މިހާރު އޮތްގޮތުން ބޭއްވެން ނެތްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މިމަހުގެ 3ވަނަ ދުވަހުގެ 18:35 ގައި ކޯވިޑް-19 ގެ ޙާލަތަށް ރިޢާޔަތްކޮށް އިނގިރޭސި ވިލާތުގެ ޕިއަރސަންއިން ޢާންމުކޮށްފައިވާ ބަޔާނުގައި އޭލެވެލް އިމްތިޙާނުތަކާ ގުޅޭގޮތުން މުހިންމު ނިންމުތަކެއް ނިންމާފައިވާކަމަށެވެ.

އެގޮތުން މިއަހަރުގެ މޭ، ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އިމްތިހާނު ތާވަލުކުރެވިފައިވާ ގޮތަށް ކުރިޔަށް ނުގެންދާނެކަމަށާ، އަދި މިއަހަރުގެ މެއި، ޖޫން އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމާއި ސެޓްފިކެޓް ދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތެއް، މި ހިނގާ ފެބުރުއަރީ މަހުގެ 22ގައި އިނގިރޭސިވިލާތުގެ "އޮފްކޮލް"އިން އިޢުލާނު ކުރާނެކަނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ނަމަވެސް މިއަހަރުގެ އޮކްޓޯބަރު، ނޮވެމްބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އިމްތިހާނު ތާވަލުކުރެވިފައިވާ ގޮތަށް ކުރިޔަށް ދާނެކަމަށް އަންގާފައިވަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ނިންމުމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ކުރިޔަށް ގެންދާ އޭލެވެލްގެ އެޕްލިކޭޝަން މަރުޙަލާއަށް އެއްވެސް ބަދަލެއް ނާންނާނެކަމަށާ، އެހެންކަމުން މިހާރު ތާވަލުކުރެވިފައިވާގޮތަށް މިކަންކަން ކުރިއަށް ގެންދެވުމަށް މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ. އަދި އޭލެވެލް އިމްތިޙާނުތަކަށް ދަރިވަރުން ތައްޔާރުވަމުން ދިޔަގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، ކުރިޔަށް ގެންދިޔުމަށް ސްކޫލްތަކަށާއި އަމިއްލަގޮތުން އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް މިނިސްޓްރީން ވަނީ އަންގަވާފައެވެ.

ދިވެހިރާއްޖެއިން މި އިމްތިޙާންގައި ބައިވެރިވާ ފަރާތްތަކުގެ އެސެސްމެންޓް ކުރިއަށްގެންދެވޭނެ އިތުރުގޮތެއް އޮތްތޯ ބެލުމަށް މިހާރު ދަނީ އެޑެކްސެލްއާއެކު މަޝްވަރާ ކުރެވެމުން ކަމަށާއި، އަދި މި މަޝްވަރާގައި ދަރިވަރުންނާއި، ސްކޫލްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދާނެ ވާހަކަވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.