ރާއްޖެއަށް އަންނަ ފަތުރުވެރިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މިންވަރު ފާއިތުވީ ދެމަސްދުވަހުވެސް އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެމްބަރު މަހާއި ޖެނުއަރީމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވްވާ މިންވަރު 0.09 އިންސައްތަައަށްވުރެ ދަށެވެ.
އެގޮތުން ޑިސެމްބަރުމަހު ރާއްޖެއަށް 96412 ފަތުރުވެރިން އައިސްފައިވާއިރު، މީގެތެރެއިން ނިސްބަތުން ޕޮޒިޓިވް ވެފައިވަނީ %0.07 ފަތުރުވެރިންނެވެ. އަދި މިނިމުނު ޖެނުއަރީމަހު ރާއްޖެއަށް 92103 ފަތުރުވެރިން އައިސްފައިވާއިރު، މީގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ %0.08 ފަތުރުވެރިންނެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޕޮޒިޓިވްވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެތެރޭގައެވެ. އެގޮތުން ސެޕްޓެމްބަރުމަހުގެތެރޭ 9605 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މީގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ %0.36 ފަތުރުވެރިންނެވެ.
ދެން އެންމެ ގިނަ އަދަދަކަށް ފަތުތުވެރިން ޕޮޒިޓިވްވެފައިވަނީ އޮގަސްޓު މަހާއި އޮކްޓޫބަރުމަހުއެވެ. އެގޮތުން އޮގަސްޓުމަހު ރާއްޖެއަށް 7636 ފަތުރުވެރިން އައިސްފައިވާއިރު، މީގެތެރެއިން ޕޮޒިޓިވްވެފައިވަނީ %0.26 ފަތުރުވެރިންނެވެ. އަދި އޮކްޓޫބަރުމަހު ރާއްޖެއަށް 21515 ފަތުރުވެރިން އައިސްފައިވާއިރު، އޭގެތެރެއިންވެސް %0.26 ފަތުރުވެރިންވަނީ ޕޮޒިޓިވްވެފައެވެ.
ޖުލައިމަހު ބޯޑަރު އަލުން ހުޅުވުމާއިއެކު ރާއްޖެއަށް 1752 ފަތުރުވެރިން އައިސްފައިވާއިރު މީގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ %0.06 ފަތުރުވެރިންނެވެ.
ރާއްޖެއައި އަންނަ ފަތުރުވެރިންގެ ތެރެއިން ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު ދަށްވި ނަމަވެސް، ރިސޯޓުތަކުގެ މުވައްޒަފުންގެ މެދުގައި ޕޮޒިޓިވް ކޭސް ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ. އަދި ފަތުރުވެރިންނަށް ޚިދުމަތްދޭއިރު ގައިޑްލައިންއަށް އަމަލުކުރިނަމަވެސް، ސްޓާފް އޭރިއާގައި ގައިޑްލައިންތަކަށް އަމަލުނުކުރާކަން ފާހަގަވެފައިވާ ކަމަށް މީގެކުރިން ޓޫރިޒަމް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.
ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ އެއްވެސް ތަނަކުން ގައިޑްލައިނާއި އެސްއޯޕީއަށް އަމަލުނުކުރާނަމަ އެފަރާތްތަކަށް ދީފައިވާ ހުއްދަ ބާތިލްކުރާނެކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން މީގެކުރިން ވަނީ ވިދާޅުވެފައެވެ.