ޚަބަރު

އިމާމުންނަށް ކޯވިޑް ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސަނީ


މިސްކިތްތަކުގެ އިމާމުންނަށް ކޯވިޑް 19 ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސަމުން އަންނަކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އިގެ ޙާލަތު އިތުރަށް ގޯސްވަމުންދާތީ އިމާމުން ޢަމަލުކުރަންވީ ގޮތުގެ އިތުރު އިރުޝާދުތައް ދިނުމަށް އިސްލާމިކް މިނިސްޓްރީ ވަނީ އިމާމުންނާއި ބައްދަލުކުރައްވާފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކޯވިޑް 19 ގެ ވެކްސިން ވީ އެންމެ އަވަހަކަށް އިމާމުންނަށް ޖެހޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެޗްޕީއޭއާއެކު ކުރަމުން އަންނަކަމަށެވެ.

މިސްކިތްތަކަށް ނަމާދަށް ދާއިރު އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ޢާއްމުންނަށް އިތުރަށް ނަޞޭޙަތްތެރިވުމަށް މި ބައްދަލުވުމުގައި އިމާމުންނަށް ވަނީ އަންގާފައެވެ. އެގޮތުން މިސްކިތަށް ދާ އެންމެންވެސް މާސްކް އެޅުމަށާއި މުސައްލަ ހިފައިގެން ދިއުމަށް ކުރިއަށް ވުރެ ބޮޑަށް ބާރު އެޅުމަށް އިމާމުންނަށް އަންގާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީ ވިދާޅުވެއެވެ. އަދި ޢާއްމު ސަލާމަތާއި ރައްކާތެރިކަމަށާއި އެންމެންގެ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކަށް ހުރިހައިއެންމެންވެސް އެއްބާރުލުންދީ އެކަންކަމަށް އިތުރަށް ސަމާލުވުމަށްވަނީ އަންގާފައެވެ.

މިގޮތުން މިސްކިތްތަކުގައި ވަކި އިންތިޒާމްތަކެއް ހަމަޖައްސަން ޖެހޭއިރު ނަމާދަށް އަންނަ މީހުންވެސް ސަމާލުކަން ދޭންޖެހޭ ކަންކަން ހުރެއެވެ.

މިސްކިތްތަކުގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް


* ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓު އަޅާފައި ނެތުން
* ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން
* މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން
* އެއަރކޯނު ބޭނުން ނުކުރުން

މިސްކިތަށް ނަމާދަށް ދާ މީހުން ސަމާލުކަން ދޭންޖެހޭ ކަންކަން


* ގެއިން ވުޟޫޢު ކޮށްގެން މިސްކިތަށް ދިއުން
* މުސައްލައެއް ގެންދިއުމާއި މާސްކު އެޅުން
* މިސްކިތަށް ވަދެ ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން
* މުސައްލަ އެޅުމުގައި ގައިދުރުކަން ބެހެއްޓުމާއި، އެމީހެއްގެ މުސައްލަ މަތީގައި މެނުވީ ނަމާދު ނުކުރުން
* ރޯގާ ޖެހި ނުވަތަ ހުން އައިސް ނުވަތަ ކެއްސާނަމަ މިސްކިތަށް ނުދިއުން
* ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުން
* ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ޢުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުން
* މިސްކިތުގައި އާއި މިސްކިތުން ބޭރުގައިވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުން
* މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުން

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދު ކަނޑާލިއެެވެ. އެއައްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މިދިޔަ އަހަރުގެ ޖޫންމަހުގެ 14 ވަނަ ދުވަހު ވަނީ އާއްމުކޮށް މިސްކިތްތައް ހުޅުވާ ނަމާދުކުރަން ފަށާފައެވެ.