ޚަބަރު

ރައްކާތެރިކަމާއެކު އިންޓަނެޓް ޕްރޮމޯޓްކުރަން ދަރިވަރުންތަކެއް ނެރެނީ


އިންޓަރނެޓްގެ ރައްކާތެރިކަމާއި ގުޅޭގޮތުން އެމްބެސެޑަރުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާނެ ދަރިވަަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ފަށައިފިއެވެ.

ރާއްޖޭގައި މުޅިން އަލަށް ފެށި މިފްރޮގްރާމް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލްއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން ކުރިއަށް ގެންދާ މިޕްރޮގްރާމުގެ އަމާޒަކީ އިންޓަރނެޓް ހެޔޮގޮތުގައި ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަމާއި، އޮންލައިންކޮށް އުޅޭއިރު ދިމާވެދާނެ ގޮންޖެހުންތަކާއިމެދު ކުދިން ހޭލުންތެރި ކުރުވައި، އެފަދަ ކަންކަމުން ރައްކާތެރިވާނެގޮތް ކިޔަދިނުމުގެ އިތުރުން ކަމެއް ދިމާވެއްޖެނަމަ ކަންކުރާނެގޮތް ކިޔައިދިނުމެވެ. އަދި މިމަޢުލޫމާތުގެ އަލީގައި ދިމާވެދާނެ ގޮންޖެހުންތަކާއިމެދު އެހެންކުދިން ހޭލުންތެރި ކުރުވުމަށް އެމްބެސެޑަރުންގެ ހައިސިއްޔަތުން އަމިއްލައަށް އިސްނަގައިގެން އެކުދިންނަށް ސްކޫލު ފެންވަރުގައި ކުރެވިދާނެ ކަންކަން ރާވައި ހިންގުން ކަމަށްވެސް ކޮމިއުނިކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިތަމްރީން ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން މިނިސްޓަރ މަލީހް ޖަމާލް ވިދާޅުވީ މި ޒަމާނަކީ ހުރިހާކަމެއް ކުރުމަށް އިންޓަރނެޓްއަށް ބަރޯސާވާ ޒަމާނަކަށްވުމުން އެވަސީލަތް ރަނގަޅު ގޮތުގައި ބޭނުން ކުރުމަކީ މުހިއްމު ކަމެއްކަމަށެވެ. މިނިސްޓަރ ވަނީ ރަނގަޅުގޮތުގައި އިންޓަރނެޓް ބޭނުންކުރާނެ ގޮތް އެހެން މީހުންނަށް ކިޔައިދިނުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މި ތަމްރީން ޕްރޮމްގެ ސަބަބުން ދަރިވަރުންނަކީ ރަނގަޅުގޮތުގައި އިންޓަރނެޓް ބޭނުންކުރާނެ ބަޔަކަށްވާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ސްކޫލުތަކަށް އަމާޒު ކޮށްގެން އިންޓަރނެޓްގެ ރައްކާތެރިކަމާއި ގުޅޭގޮތުން އެމްބެސެޑަރުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާނެ ދަރިވަރުން ތަމްރީންކުރުމަށް ހިންގާ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 12 ދަރިވަރަކު ބައިވެރިވެއެވެ. މިޕްރޮގްރާމުގައި ޕްރައިވަސީ އާއި ސެކިއުރިޓީ، ސައިބަރ ބުލީންގ، މޯރަލް ކޮމްޕަސް، އަދި ޑިޖިޓަލް ފްރެންޑްޝިޕްފަދަ ބައިތައް ކިޔަވާދޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އެ މިނިސްޓްރީގެ އަމާޒަކީ މިނިސްޓްރީގެ ޕާރޓްނަޝިޕްތައް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިޕްރޮގްރާމް ކުރިއަށް ގެންދިއުމެވެ.