ޚަބަރު

އިންތިޚާބު ބޭއްވުމަށް ހުރި ޤާނޫނީ ދަތިތައް މަޖިލީހަށް ހުށަޙަޅައިފި


އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް އިޢުލާންކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ހުރި ޤާނޫނީ ހުރަސްތަކާ ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގައި ހުރި ކަންބޮޑުވުންތައް މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މަޖިލީހަށް ހުށަހެޅި ގިނަ ކަންބޮޑުވުންތަކަކީ އިންތިޚާބު ބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅައި ޢާންމުކޮށްފައިވާ ގައިޑްލައިނުގައިހުރި ކަންބޮޑުވުންތަކެވެ. ކޮމިޝަނުން މިއަދު ހުށަހެޅި ކަންބޮޑުވުންތަކުގެ ތެރޭގައި ހަމަހަމަކަމާއެކު ކެންޕެއިން ކުރުމުގެ ފުރުސަތު އެގައިޑުލައިނުގެ ތެރެއިން ނުލިބުމާއި، ކޯވިޑަށް ޕޮޒިޓިވްވާ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓްލެވޭނެ އިންތިޒާމު ހަމަޖައްސަން އިލެކްޝަނަށް ޖެހުމާއި، ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ކައިރި ރަށްތަކަށް ވޯޓުލާން ދެވޭނޭ ގޮތް ނެތުން ހިމެނެއެވެ.

މީގެ އިތުރުން އިންތިޚާބުގައި ވޯޓުލާ މަރުކަޒުގައި ކެންޑިޑޭޓުންގެ މަންދުބުންނަށާއި، މޮނިޓަރުންނަށާއި، އޮބްޒާވަރުންނަށް ތިބުމުގެ ފުސަތު ނުލިބުމުގެ ކަންބޮޑުބުންވެސް ވަނީ ހުށަހަޅާފައެވެ. އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންގެ ދަށުން އިންތިޚާބު ބޭއްވުމަށްޓަކައި އިތުރު ވޯޓްފޮށިތައް ބަހައްޓަން ޖެހުމާއި، އޮފިޝަލުން ނަގަން ޖެހުމަކީ އިތުރަށް ބަޖެޓްބޭނުންވާ ކަންތައްތަކެއްގެ ގޮތުގައި އިލެކްޝަނުން ފާހަގަކޮށްފައިވެއެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަނުން މިހާރުދަނީ މަސައްކަތް ކުރަމުންނެވެ. އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންގެ ތެރެއިން އިންތިޚާބު ބާއްވާނަމަ އިތުރު 45 މިލިޔަން ރުފިޔާ ބޭނުންވާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އިންތިޚާބު ބޭއްވުމަށްޓަކައި އިލެކްޝަން ކޮމިޝަނުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިހާރުވަނީ އާންމުކޮށްފައެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 20ވަނަ ދުވަހުއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ޖުމްލަ 2434 މީހުންވަނީ ކުރިމަތިލާފައެވެ. ކައުންސިލްތަކަށް އިންތިޚާބުކުރަން ޖެހޭނީ 980 ކައުންސިލަރުންނެވެ. މީގެ ތެރެއިން 100އަށްވުރެ ގިނަ ކެންޑިޑޭޓުން ނަން ނަގާފައިވައިރު، ނަން ނެގުމުގެ އެންމެ ފަހު ތާރީހަކީ މާދަމާއެވެ.