ޚަބަރު

ކާގޯ ބޯޓެއްގެ ތެރެއަށް ވެއްޓުނު ފަޅުވެރިއާ ފަރުވާއަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި


ކާގޯ ބޯޓެއްގެ ތެރެއަށް ވެއްޓިގެން އަވަސްފަރުވާއަށް އައްޑޫ ސިޓީ ހޮސްޕިޓަލަށް ގެންދިޔަ ފަޅުވެރިޔާ ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް އައްޑޫއިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އައްޑޫ އިރުދެކުނުން 165 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ "އެމްވީ ޑާބީ" ނަމަކަށް ކިޔާ ކާގޯ ބޯޓެއްގެ ބިދޭސީ ފަޅުވެރިއެއް ވެއްޓި އަވަސް ފަރުވާއަށް ބޭނުންވެގެން އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރިސޯސް ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)ގެ އެހީތެރިކަމަށް އިއްޔެ މެންދުރު 12:26 ހާއިރު އެދުމުން ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުގެ ހުއްދައާއިއެކު އެބޯޓު އައްޑޫއާއި ދިމާލަށް ކައިރިކޮށް، ކަނޑުމަތިން އަނިޔާވިމީހާ ކޯސްޓް ގާޑު ލޯންޗަށް ނަގައި އައްޑޫ ސިޓީއަށް ގެންގޮސްފައިވާކަމަށެވެ.

އެފަޅުވެރިއަކީ ސްރީލަންކާއަށް ނިސްބަތްވާ ރައްޔިތެކެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ ރޭ ދަންވަރު 23:40 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.