ވިޔަފާރި

ހޫނު މޫސުމުގައި ރާއްޖެ އައުމަށް އެމެރިކާގެ ގިނަ ފަތުރުވެރިންދަނީ ބުކިން ހަދަމުން


މިއަހަރުގެ ހޫނު މޫސުމުގައި އެމެރިކާގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ ގިނަ އަދަދަކަށް ބުކިންގ ހަދަމުންދާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ހޯމް ޓު ގޯ އިން ހާމަކޮށްފިއެވެ.

ދަތުރު ދާ ފަރާތްތަކުން ޗުއްޓީ ހޭދަކުރާނެ ތަންތަނާއި ގުޅޭ މައުލޫމާތުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ ހޯމް ޓު ގޯއިން އެއްކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުން ޤައުމުން ބޭރުގައި ޗުއްޓީ ހޭދަކުރުމަށް ގިނަ އަދަދެއްގެ ބަޔަކުދަނީ ބުކިން ހަދަމުންނެވެ. އެގޮތުން ޤައުމުން ބޭރުގައި ޗުއްޓީ ހޭދަކުރުމަށް ބުކިން ހަދާ މީހުންގެ އަދަދު 46 އިންސައްތައަށް އިތުރުވެފައިވާ ކަމަށް ހޯމް ޓު ގޯއިން ހާމަކުރެއެވެ. އަދި ޤައުމުން ބޭރުގައި ހޭދަކުރާ ޗުއްޓީއެއްގެ ދިގުމިނަކީ 11 ދުވަސް ކަމަށްވެސް ހޯމް ޓު ގޯއިން ހާމަކުރެއެވެ.

ހޯމް ޓު ގޯއިން އެއްކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުން އެމެރިކާގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލްކަން ބޮޑީ ނެދަލޭންޑްސްގެ ޖަޒީރާ ރަށެއް ކަމަށްވާ އަރޫބާއެވެ. އެގޮތުން އަރޫބާގައި ޗުއްޓީ ހޭދަކުރުމަށް މައުލޫމާތު ހޯދާ ފަރާތްތަކުގެ އަދަދުވަނީ 5854 އިންސައްތައަށް އިތުރުވެފައެވެ.

އެމެރިކާ ފަތުރުވެރިން އެންމެ ގިނަ އަދަދަކަށް މައުލޫމާތު ހޯދަމުންދާ މަންޒިލްތަކުގެ ލިސްޓުގަ ރާއްޖެ އައިސްފައިވަނީ 8ވަނަ އަށެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް މައުލޫމާތު އޮޅުން ފިލުވާ ފަރާތްތަކުގެ އަދަދުވަނީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 820 އިންސައްތަ އިތުރުވެފައެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް މައުލޫމާތު އޮޅުން ފިލުވާ ފަރާތްތަކުން އާއްމުގޮތެއްގައި ބޭނުންވަނީ 7 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރުމަށެވެ. އަދި ރާއްޖޭގައި ހޭދަކުރާ ޗުއްޓީއަށް ރެއަކަށް ގާތްގަނޑަކަށް 378 ޑޮލަރު ޚަރަދުވާނެއެވެ.

ހޯމް ޓު ގޯއިން މައުލޫމާތު އެއްކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 1އިން މި ނިމުނު ޖެނުއަރީމަހުގެ 31 ވަނަ ދުވަހާއި ހަމައަށް ފަތުރުވެރިން މައުލޫމާތު އޮޅުން ފިލުވާފައިވާ މަންޒިލްތަކާއި ގުޅޭގޮތުންނެވެ.

އެމެރިކާއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ މަންޒިލެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެމެރިކާއިން ރާއްޖެއަށް 16754 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއާއެކު އެމެރިކާވެފައި ވަނީ ރާއްޖެއަށް 8 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މަންޒިލަށެވެ.