އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި އާ ގިމަތައެއް ހެދުމުގެ މަސައްކަތް ކުރުމަށް ވާންޖެހޭ ތައްޔާރީގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވެއްޖެއެވެ.އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއް ވަޢުދެވެ.ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމް އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މޯލްޑީވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ އާ ގިމަތައިގެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ.އެގޮތުން ޓަރމިނަލް ހެދުމަށްޓަކައި އެއަރޕޯޓްގެ ހުޅަނގު ދެކުނު ކޮޅުން ހިއްކަންޖެހޭ ސަރަހައްދު ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއްވެސް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން އާ ގިމަތަހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި މިހާރު ހުރި ބައެއް އިމާރާތްތައް ރީލޮކޭޓް ކުރުމުގެ މަސައްކަތް ދަނީ އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެން ކުރަމުނެވެ. މުޅިއެކު 14 އިމާރާތެއް ރީލޮކޭޓް ކުރުމަށް ހަމަޖެހިފައިވާއިރު އެއަރޕޯގެ އިރުދެކުނު ކޮޅުގައި މިކަމަށްބޭނުންވާ އިމަރާތްތައް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މިމަސައްކަތް މިއަހަރުގެ ތެރޭގައި ނިމޭނެކަމަށް އާދިލް ވިދާޅުވިއެވެ."މިހާރު ޖާގައިގެ ދަތިކަމުން ކޮމާޝިއަލްވެސް އަދި އޮޕަރޭޝަނަލްވެސް ބައެއް ކަންތައްތައް އެހުންނަނީ ކުރިއަށް ނުގެންދެވިފަ. އާ ޓަރމިނަލްގެ ސަބަބުން އިތުރު ޑިއުޓީ ފްރީ އަދި އެދްއެންބީ އަދި އިތުރު ޚިދުމަތްތައްވެސް އިތުރުވެގެންދާނެ."އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ގިމަތައަކީ މިހާރު ބޭންކުރަމުންދާ އިންޓަރނޭޝަންލް ގިމަތައަށްވުރެ 3 ނުވަތަ 4 ގުނަ ބޮޑު ގިމަތައެކެވެ. އެއީ އަހަރަކު 7.5 މިލިއަން މީހުންނަށް ޚިދުމަތް ފޯރުކޮށްދެވޭ ވަރަށް ޖާގައިގެ ގޮތުން ތަނަވަސް ގިމަތައެކެވެ. މިހާރު ހުރި އިންޓަރނޭޝަނަލް ގިމަތައާ އިންވެގެން ދެކުނަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިގިމަތަ ހުޅުލޭ އެއަރޕޯޓް މިހާރު ހުރި ރަންވޭ ދެކުނުކޮޅުން ނިމޭހިސާބަށް ދިގުދެމިގެންދާނެއެވެ. އާ ގިމަތައިގައި ޕެސެންޖަރ ބޯރޑިންގ ބްރިޖް ނުވަތަ އެއިރޯ ބްރިޖް ވެސް އެޅުމަށްވަނީ ހަމަޖެހިފައެވެ. މީގެސަބަބުން އައަރޕޯޓަށް އައިސް ގޮސް އުޅޭ ފަސިންޖަރުން އޭޕްރަން މައްޗަށް ނުފައިބާ ސީދާ ގިމަތައިން ފްލައިޓަށް އަރައި ފޭބުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.އާ ގިމަތަ އިމާރާތް ކުރެވުމާއެކު މިހާރު އިންޓަރނޭޝަނަލް ގިމަތައިގެ ގޮތުގައި ބޭނުންކުރެވެމުންދާ އިމާރާތް ޑޮމެސްޓިކް ގިމަތައަކަށް ބަދަލުވެގެންދާނެކަމަށް އެމް.އޭ.ސީ.އެލްގެ މެނޭޖިންގް ޑިރެކްޓަރ ވިދާޅުވި.މިހާރު ބޭނުންކުރެވެމުންދާ ޑޮމެސްޓިކް ގިމަތައަށްވެސް މިހާރުން މިހާރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. އެގޮތުން އެތަނުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.އެއަރޕޯޓް ތަރައްޤީގެ މާސްޓަރޕްލޭންގެ ހުރިހާ ކޮންޕޯނެންޓްތައް އެއްކޮށް ނިމިގެންދާއިރު މިއެއަރޕޯޓަކީ ދެކުނު އޭޝިއާގެ އެންމެ މަތީ ފެންވަރުގައި ބަލައިގަންނާނެ އެއް އެއަރޕޯޓަށްވުން އެއީ އެމް.އޭ.ސީ.އެލްއާ ސަރުކާރުގެވެސް އަމާޒެވެ. އެއަރޕޯޓް ތަރައްޤީއަށް ބޭނުންވާ ފައިސާ އެގްޒިމް ބޭންކް މެދުވެރިކޮށް ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށް އެމް.އޭ.ސީ.އެލްއިން ބުނެއެވެ. އެއަރޕޯޓް ތަރައްޤީގެ މަޝްރޫޢު ކުރިއަށްއޮތް 3 އަހަރުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.މިހާރު ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަމަކީ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުކަމަށް ރައީސް އަބްދުﷲ ޔާމީންވެސް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.އެމް.އޭ.ސީ.އެލްގެ މެނޭޖިނގް ޑިރެކްޓަރ ޤަބޫލުކުރައްވާ ގޮތުގައި އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދުނިޔޭގެ އެހެން ގިނައެއަރޕޯޓްތަކާ ވަރަށް ތަފާތު އެއަރޕޯޓެކެވެ. އެއަރޕޯޓް ވަކި ރަށެއްގައި އޮތުމާއި، އެއަރޕޯޓް ވަށައިގެން ފަޅާއި ކަނޑު އޮތުމަކީ އެއަރޕޯޓްގެ ރީތިކަމަށް އިތުރު ނަލަކަމެއް ގެނެސްދޭ ކަމެއްކަން ޢާދިލް ފާހަގަކުރައްވައެވެ.