ޚަބަރު

ކޯވިޑް-19، ދިފާޢު: ތަރުޙީބު ބޮޑު، މިހާތަނަށް 43،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ޖަހައިފި


ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން މިއަދުވެސް ފަސް ހާހަށްވުރެ ގިނަ މީހުންނަށް ޖަހާފައިވާއިރު، ވެކްސިން ޖެހި މީހުންގެ ޖުމުލަ ޢަދަދު 43،000 އަށްވުރެ މައްޗަށް އަރައިފިއެވެ. ރާއްޖޭގައި މިވެކްސިން ޖަހަން ފެށީ މިމަހުގެ ފުރަތަމަދުވަހުއެވެ.

ހެލްތު ޕްރޮޓެކްޝްން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި މާލެއާއި އަތޮޅުތައް ހިމެނޭހެން 5،204 މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެސަރަޙައްދުން ވެކްސިން ޖެހި 3،967 މީހުންނާއި، އަތޮޅުތެރޭގައި ވެކްސިންޖެހި 1،237 މީހުންނެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 43،817 އަށް އަރާފައެވެ.

މާލެ ސަރަޙައްދުން މިހާތަނަށް ވެކްސިން ޖަހާފައިވަނީ 35،289 މީހުންނެވެ. އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދަކީ 8،429އެވެ.

މިހާރު ދެމުންދަނީ އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިންގެ 100،000ޑޯޒް ރާއްޖެއަށް ހަދިޔާކުރީ އިންޑިއާއިންނެވެ. މިހާރު ރާއްޖޭގައި ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޮފާމްގެ 5000 ވެކްސިން ޑޯޒްވެސް ރާއްޖެއަށްވަނީ ލިބިފައެވެ. ސަރުކާރުގެ އަމާޒަކީ 6 މަސްތެރޭގައި، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމެވެ. ވެކްސިން ދިނުމުގެ މަސައްކަތް މާލޭ ސަރަޙައްދުގެ 8 ސެންޓަރަކާއި، އަތޮޅުތަކުގެ 56 ސެންޓަރުގައި ދަނީ ޖަހަމުންނެވެ.