ވިޔަފާރި

ރާއްޖެއިން ބޭރުކުރި މުދަލުގެ އަގު 43 އިންސައްތަ އިތުރު ވެއްޖެ


މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ރާއްޖެއިން 2.84 ބިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައި ވާކަމަށް ކަސްޓަމްސްގެ މިދިޔަމަހުގެ ރިޕޯޓުން ދައްކައިފިއެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއިން ބޭރުކުރި މުދަލުގެ 43 އިންސައްތަ އިތުރު އަދަދެކެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔައަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކޮށްފައި ވަނީ 1.98 ބިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަމަހުގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ ބޭރުކޮށްފައި ވަނީ ތައިލޭންޑަށެވެ. އެޤައުމަށް ޖުމްލަ 79 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ވަނީ ބޭރުކޮށްފައެވެ. ތައިލޭންޑްގެ އިތުރުން ދެން އެންމެ ގިނަ މުދާ ބޭރުކޮށްފައި ވަނީ ސްރީލަންކާއަށެވެ. އަދި ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއިން މުދާ އެންމެ ގިނައިން ބޭރުކޮށްފައި ވަނީ ޖަރމަނީއަށެވެ. ރާއްޖެއިން މިއަހަރުގެ މިހާތަނަށް އެންމެ ގިނައަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަ މަހުގެ ބާވަތްތަކެވެ. ރާއްޖެއިން މުދާ ބޭރުކުރި އިންސައްތަ ބޮޑު އަދަދެއް އިތުރުވެފައި ވީނަމަވެސް، ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގުގެ އިންސައްތަ މިދިޔައަހަރުގެ މިމުއްދަތާއި އަޅާބަލާއިރު އިތުރުވެފައި ވަނީ އެންމެ އިންސައްތައެކެވެ. އެގޮތުން މިއަހަރު ގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ރާއްޖެ އެތެރެ ކޮށްފައި ވަނީ 23.5 ބިލިއަން ރުފިޔާގެ މުދަލެވެ. ރާއްޖެ އެތެރެކުރި މުދަލުގެ އަގުގެ އިންސައްތަ ކުޑައީ، މިއަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދައްވެފައި ވުމުންނެވެ. ދުނިޔޭގެ ބާޒާރުގައި މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ތެލުގެ އަގު 52 އިންސައްތަ ވަނީ ދައްވެފައެވެ. ފާއިތުވި އަހަރުގެ ސެޕްޓެމްބަރ މަހާއި އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ކަސްޓަމަށް ލިބިފައިވާ އާމްދަނީ 14 އިންސައްތަ އިތުރުވެފައި ވާކަންވެސް ކަސްޓަމްސްގެ ތަފާސްހިސާބު ތަކުން ދައްކާއެވެ.