ޚަބަރު

މަރާލާފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފަޅު ރަށަކުން ފެނިއްޖެ


ފަޅު ރަށެއްގައި މަރާލާފައި އޮތްކަމަށް ބެލެވޭ ބިދޭސީއެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ވ.ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮތް މީހެއްގެ ހަށި ގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު މިއަދު 11:02 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. ބިދޭސީއެއްކަމަށް ބެލެވޭ އެމީހާގެ ހަށި ގަނޑު ފެނިފައިވަނީ އެރަށަށް ދަނޑި ކަޑަން ގޮސް އުޅުނު ބަޔަކަށް ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ.

މަންޒަރު ދުށް މީހެއްގެ ފަރާތުން މަޢުލޫމާތު ލިބިފައިވާގޮތުގައި މަރާލައި އޮއްވައި ފެނުނު މިމީހާއަށް ވަނީ ވަރަށްބޮޑެތި އަނިޔާތަކެއްދީފައެވެ. އެހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ހުރިކަމަށާ، މީހާގެ ހަށިގަނޑުގެ އެކިތަނަށް ހަމަލާތައް ދީފައިވާކަމަށް ބެލެވޭކަމަށް އޭނާ ބުންޏެވެ. އަދި މީހާ އޮތް ސަރަހައްދައި ލެޔާއެކު އޮތް ބޮޑު ކަތުރެއްވެސް އޮތްކަމަށް މަންޒަރު ދުށް މީހާގެ ފަރާތުން މަޢުލޫމާތު ލިބިފައިވެއެވެ.