ޚަބަރު

ކޯވިޑް-19 : ގދ. ތިނަދޫ މޮނިޓަރިންގއިން ނަގައިފި


އައްޑޫ ކޯވިޑް19 ކްލަސްޓާއާ ގުޅިގެން މޮނިޓަރިންގ ޙާލަތަށް ގެނައި ގދ.ތިނަދޫގެ މޮނިޓަރިންގެ ޙާލަތު އުވާލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ގދ.ތިނަދޫ މޮނިޓަރިންގެ ޙާލަތަށް ގެނައީ މިމަހުގެ 7 ވަނަ ދުވަހުއެވެ. މޮނިޓަރިންގެ ޙާލަތު އުވާލާފައި މިވަނީ 10 ދުވަސް ފަހުންނެވެ. ތިނަދުއިން ވަނީ ކޯވިޑްގެ 4 ކޭސް ފެނިފައެވެ.

ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ ރަށުގެ މޮނިޓަރިން ޙާލަތު އުވާލާފައިވަނީ، ކޭސްތަކާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުކަމަށެވެ. އެރަށުން ވަނީ ކޯވިޑް 19އަށް ޓެސްޓުކުރުމަށް ގިނަ އަދަދެއްގެ ސާމްޕަލްވެސް ނަގާފައެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ރަށުން 800 އެއްހާ ސާމްޕަލް ޓެސްޓުކޮށްފައިވާކަމަށެވެ. ރަށުގައި ބައްޔަށް ޕޮޒިޓިވް މީހުން ތިބިކަން އެނގިފައިވަނީ ފުރަތަމަ ނެގި 400 ސާމްޕަލްގެ ތެރެއިންނެވެ. އަމްޖަދް ވިދާޅުވީ ކޮންޓެކްންނާއި ރެންޑަމް ސާމަޕްލް ރަށުތެރެއިން ނެގިއިރު، ރެންޑަމް އެއް ސާމްޕަލް ޕޮޒިޓިވްވިކަމަށެވެ.

ނަމަވެސް މޮނިޓަރިންގެ ޙާލަތުން ނަގާފައިވަނީ ބައްޔަށް ޕޮޒިޓިވްވި އެންމެންގެ ކޮންޓެކްޓުންގެ ސާމްޕަލްއާއި ރަށުން ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ޓެސްޓުކުރުމަށްފަހު ހުރިހާ ސާމްޕަލްތައްވެސް ނެގެޓިވްވުމުންކަމަށް އޭނާ ވިދާޅުވިއެވެ.

ތިނަދޫގައި ކޯވިޑްއަށް ޕޮޒިޓިވް 4 މީހުން ތިބިއިރު އެ އެންމެންގެ ޙާލުވެސް ރަނގަޅުކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ. އަދި މޮނިޓަރިންގެ ޙަލަތާ ގުޅިގެން ރަށަށް އަރާ ފޭބުން މަނާކޮށްފައި އޮތް އޮތުން މިހާރުވަނީ އުވާލާފައެވެ.

ކޯވިޑް19ގެ އައްޑޫ ކްލަސްޓާއާއި ގުޅިގެން އައްޑޫ ސިޓީއާއި ބައެއް އެހެން ރަށްތައް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. މި ކްލަސްޓަރއިން ފެނުނު ކޭސްތަކުގެ އަދަދު 55 އަށްވުރެ ގިނައެވެ.