ދުނިޔެ

ސެޕްޓެމްބަރުގެ ކުރިން އެންމެނަށް ވެކްސިންދެވޭނެ - އިނގިރޭސިވިލާތް


މިއަހަރުގެ އޮގަސްޓު ނުވަތަ ސެޕްޓެމްބަރު މަހުގެ ކުރިން އިނގިރޭސިވިލާތުގެ 18 އަހަރުން މަތީގެ އެންމެންނަށް ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒް ދީ ނިންމާލެވޭނެކަމަށް އެ ޤައުމުން ބުނެފިއެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 15.6 މިލިއަން މީހުންނަށް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީ، 546،165 މީހުންނަށްވަނީ ވެކްސިންގެ ދެވަނަ ޑޯޒް ދީފައެވެ. ކޯވިޑާއި ދެކޮޅަށް ވެކްސިން ދިނުމުގެ މަޝްރޫޢު އެންމެ ފުރަތަމަ ފަށާފައިވާ އިނގިރޭސިވިލާތް އޮތީ ބޮޑެތި ޤައުމުތަކުގެ ތެރެއިން މީހުންގެ ނިސްބަތުން އެންމެ ހަލުވި ދުވެއްޔެއްގައި ވެކްސިން ދެމުންދާ ޤައުމުގެ ގޮތުގައެވެ.

އިނގިރޭސިވިލާތުންދަނީ ވެކްސިން އުފައްދާ ތަފާތު އެކި ކުންފުނިތައް މެދުވެރިކޮށް ގިނަ ޢަދަދެއްގެ ވެކްސިން ހޯދަމުންނެވެ. ވެކްސިނާއިގުޅޭ ކަންކަން ބަލަހައްޓާ އިނގިރޭސިވިލާތުގެ ވެކްސިން ޓާސްކު ފޯސްގެ އިންޓަރިމް ވެރިޔާ، ކްލައިވް ޑިކްސް ވިދާޅުވީ ގިނަ އެހެން ވެކްސިންތަކެއް އިނގިރޭސިވިލާތުގައި ބޭނުންކުރުމުގެ ޙުއްދަ ވަރަށް އަވަހަށް ދޭނެކަމަށެވެ. އެ ޤައުމުގައި މިހާރު ދެމުންދާ އެސްޓްރަޒެނެކާ އަދި ފައިޒާގެ ވެކްސިން ލިބުމުގައި އެއްވެސް ލަސްކަމެއް ނުވަތަ އެހެން މައްސަލައެއް ދިމާވެއްޖެނަމަ، އެހެން ވެކްސިންތަކަށް ޙުއްދަ ދީފައި އޮތުމުން ކުރިމަތިވެދާނެ ލަސްތައް ފޫބެއްދޭނެއެވެ.

އިނގިރޭސިވިލާތުގެ 18 އަހަރުން މަތީގެ އާބާދީއަށް އެއްކޮށް ވެކްސިންގެ ދެ ޑޯޒް ދީ ހަމަކުރުމަށް ނަގާނީ ކިހާ މުއްދަތެއްތޯ ސުވާލުކުރުމުން ޑިކްސް ވިދާޅުވީ އެންމެ ލަސްވެގެން ސެޕްޓެމްބަރު މަހުގެ ކުރިން ވެކްސިން ދީ ނިންމާލެވޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. ނަމަވެސް އެ މުއްދަތު އެއަށްވުރެ އަވަސްވުންވެސް އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 4 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހި 118،195 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ވައިރަހުގެ އައު ވައްތަރުތައް ފެނިފައިވާ އިނގިރޭސިވިލާތުގެ ޙާލަތު މި އަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހިފައިވަނީ 10،625 މީހުންނަށެވެ. ޖަނަވަރީ މަހުގެ ކުރީކޮޅުގައި އެ ޤައުމުގައި ދުވާލެއްގެ މައްޗަށް 50،000އަށްވުރެ ގިނަ މީހުންނަށް ދިޔައީ ބަލިޖެހެމުންނެވެ.