ދުނިޔޭގެ ވިޔަފާރި

ފިނީގެ ތޫފާނާއެކު އެމެރިކާގެ ވިޔަފާރިތައް ހުއްޓުމަކަށް


ފިނީގެ ތޫފާނާއެކު އެމެރިކާގެ ދެކުނުގެ ސަރަޙައްްދުތަކުގެ ވިޔަފާރިތައް ހުއްޓުމަކަށް އައިސްފިއެވެ.

ކޯވިޑާއި ގުޅިގެން ވިޔަފާރިތަކަށް ގިނަ އަސަރުތަކެއްކޮށްފައިވާއިރު، ފިނީގެ ތޫފާނާއި ގުޅިގެން އެމެރިކާގެ ވިޔަފާރިތަކަށްވަނީ އިތުރު ގެއްލުމާއި ކުރިމަތިލާން ޖެހިފައެވެ.

ފިނިމޫސުމުގައި އާންމުކޮށް ފިނިނުވާ މިންވަރަށް އެމެރިކާގެ ސްޓޭޓުތަަކަށް މި އަހަރުދަނީ ފިނިވަމުންނެވެ. އެގޮތުން އެޤައުމުގެ ޓެކްސަސް ސްޓޭޓުގެ ފިނިހޫނުމިން ވަނީ ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ދަށަށް ނުދާ މިންވަރަށް ދަށްވެފައެވެ. އެ ސްޓޭޓުގެ ބައެއް ސަރަޙައްދުތަކުގެ ފިނިހޫނުމިން ހުރީ 0 ފެރެންހެއިޓު ނުވަތަ މައިނަސް 18 ޑިގްރީ ސެލްސިއަސްގައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން މިހާރުވަނީ އެ ސްޓޭޓުގައި ކުއްލި ޙާލަތު އިޢުލާނުކުރުމުގެ ޙުއްދަ ދެއްވާފައެވެ.

ޓެކްސަސް ސްޓޭޓުގެ ކަރަންޓުގެ ޚިދުމަތްދޭ ގުރިޑުތަކަށް ބާރުބޮޑުވެ އެކި ސަރަޙައްދުތަކުންދަނީ ކަރަންޓުގެ ޚިދުމަތް ކެނޑެމުންނެވެ. އޭގެ ސަބަބުން ފިނި މޫސުމުގެ މި ޙާލަތުގައި ޓެކްސަސްގެ 4 މިލިއަން މީހުން ތިބީ ކަރަންޓުގެ ޚިދުމަތް ނުލިބިއެވެ. މި ހާލަތުގައި ގިނަ ވިޔަފާރިތައްވަނީ ބަންދުކުރަން ޖެހިފައެވެ. ޢަދި އަލުން އާއްމު ހާލަތަށް ދާން ދުވަސްކޮޅެއް ނަގާނެ ކަމަށް ލަފާކުރެއެވެ.

އެމެރިކާގައި އެންމެ ގިނަ އަދަދަކަށް ރީޓެއިލް ފިހާރަ ހިންގާ ވޯލްމާޓުން ބުނީ، ފިނީގެ ތޫފާނާއި ގުޅިގެން އެކުންފުނީގެ 500 ފިހާރަ ބަންދުކުރަން ޖެހިފައިިވާ ކަމަށެވެ. މީގެތެރެއިން ގިނައީ ޓެކްސަސް ސްޓޭޓްގައި ހިންގާ ފިހާރަތަކެވެ.

ކޯވިޑާއި ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވި އެއް ދާއިރާއަކީ އޭވިއޭޝަން ދާއިރާއެވެ. ލިބިފައިވާ ގެއްލުންތަކުން އަރައިނުގަނެވެނީސް މިހާރު މިވަނީ އަނެއްކާވެސް އިތުރު ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައެވެ. ފިނީގެ ތޫފާނާއެކު ދެކުނު އަދި މެދު ދެކުނުގެ ސްޓޭޓްތަކުގެ ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ކެންސަލް ކުރަން ޖެހިފައެވެ. އެގޮތުން ބުދަ ދުވަހު 2220 ފްލައިޓް ދަތުުރުވަނީ ކެންސަލްކޮށްފައެވެ.

ފިނީގެ ތޫފާން ސަބަބުން މިހާތަނަށް ގާތްގަނޑަކަށް 21 މީހުންވަނީ މަރުވެފައެވެ. އެމެރިކާގެ ނޭޝަނަލް ވެދާ ސާވިސް (އެންޑަބްލިއުއެސް)އިން ބުނީ ފިނިމޫސުމުގެ ސަބަބުން ކުރިމަތިވާ ތޫފާނަށް 150 މިލިއަނަށްވުރެ ގިނަ މީހުން ހުށަހެޅިފައިވާކަމަށެވެ. ޢަދި އެމެރިކާގެ 73 އިންސައްތައަށް މިހާރު އޮތީ ސްނޯ ފައިބާފައިކަމަށް އެންޑަބްލިއުއެސްއިން ބުނެއެވެ.