ޚަބަރު

ފުވައްމުލަކުގެ ނާޒުކު ޙާލަތުގައި ދިރިއުޅޭ ރައްޔިތުންނަށް، ޖެންޑާ މިނިސްޓްރީގެ އެހީތެރިކަން


ފުވައްމުލައް ސިޓީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ މިމަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ފުވައްމުލައް ސިޓީގައި މިހާރު އޮތް މޮނިޓަރިންގ ޙާލަތާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންގެންދާ މީހުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، އެ މީހުންގެ އަސާސީ ބޭނުންތައް ދެނެގަނެ، މިފަދަ ޞިއްޙީ ޙާލަތްތަކުގައި އެފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން ކާބޯތަކެތީގެ އިތުރުން ސެނިޓައިޒަރ، މާސްކް، އަންގި ފަދަ ތަކެތި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން މިހައިތަނަށް 40 ކެއަރ ޕެކޭޖަސް ވަނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދީފައެވެ. މި މަސައްކަތުގައްޔާއި ފުވައްމުލައް ސިޓީގައި ޤާއިމުކޮށްފައިވާ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތުގައި ފުވައްމުލައް ސިޓީގެ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއެވެ.

މޮނިޓަރިންގ ޙާލަތަށް ގެނެވޭ ރަށްތަކުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ޖެންޑަ މިނިސްޓްރީން އަންނަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މި މަހުގެ 11އިން ފެށިގެން އައްޑޫ ސިޓީގެ އެކި ރަށްތަކަށް ޖެންޑާ މިނިސްޓްރީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.