ޚަބަރު

ގަރާޖު ޕާކިންގައި ބޮޑެތި އޮޅުވާލުންހުރިކަމަށް ބުނެ މައްސަލަ ކޮމިޓީއަށް


މާލޭގައި ގަރާޖުތަކަށް ކާރު ރަޖިސްޓްރީކުރުމުގައި 1 ގަރާޖަކަށް ހަތްދިހައެއްހައި ކާރު ރަޖިސްޓްރީކޮށްފައި ވާކަމުގެ ތުހުމަތާއެކު ޓްރާސްޕޯޓް މިނިސްޓްރީގެ ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިމައްސަލަ ހުށަހެޅީ އެންޓި ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން ރާއްޖޭގައި ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލަމުން އަންނަ ކޮންސަލްޓަންޓުންނެވެ. މިބައްދަލުވުމުގައި ސަރުކާރުގެ އެކި ވުޒާރާތަކުގައިހުރި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކުގެ ތެރެއިން ޓްރާސްޕޯޓް މިނިސްޓްރީއާ ގުޅުންހުރި ގިނަ ކަންބޮޑުވުންތަކެއް ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން ވެހިކަލްތައް ރަޖިސްޓްރީ ކުރުމަށް އޮންނަ އުސޫލުގައި ބޮޑެތި ކޮރަޕްޝަންތައް އެކުލެވިފައިވާކަމަށާ، ކާރު ޕާކް ކުރުމަށްޓަކައި ގަރާޖުތަކުގެ ހުއްދަ ދިނުމުގައިވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެތައްކަމެއް ހިނގާފައިވާކަން މިސާލާއެކު ކޮމިޓީއަށް ވަނީ ޙިއްސާކޮށްފައެވެ.

އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލަމުން އަންނަ ކޮންސަލްޓަންޓުންގެ ވާހަކަތަކާގުޅިގެން ޓްރާސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޤަވާޢިދުގައިވާގޮތުން ގްރޭޓަރ މާލެ ސަރަޙައްދަށް ވެހިކަލް ރަޖިސްޓަރީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅާ އެޕްލިކޭޝަންތަކާއެކު ވެހިކަލް ބާއްވާނެ ގަރާޖެއްގެ ހުއްދަ އޮންނަން ޖެހޭނެކަމަށް ބުނެފައިވާތީ، ވެހިކަލް ރަޖިސްޓްރީ ކޮށްދިނުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބަލަނީ މާލޭ ސިޓީ ކައުންސިލުން ނުވަތަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އިން ދޫކުރާ ހުއްދައެއްގެ މައްޗަށް ކަމުގައެވެ.

މާލެ ސަރަޙައްދަށް ރަޖިސްޓަރީކުރާ 4 ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންތައްތަކެއް ހިނގާކަމަށް ފާހަގަކުރެވި އެފަދަ ޝަކުވާތަކެއް ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބެމުންދާތީ 2019ވަނަ އަހަރުން ފެށިގެން ވެހިކަލް ބާއްވާ ގަރާޖަކީ ރަގަޅުތަނެއްތޯ ބެލުމަށްޓަކައި އޮތޯރިޓީން ބަލާ ޗެކްކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

އަދި އޮތޯރިޓީން ޗެކް ކުރާއިރު، އެތަނަކީ ގަރާޖަކަށް ނުވާނަމަ ނުވަތަ ގަރާޖެއްގެ ޝަރުތު ފުރިހަމަނުވާ ތަނެއްނަމަ އެތަނަކަށް ވެހިކަލް ރަޖިސްޓަރީ ކޮށްދީފައިނުވާނެކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން، ދައްކަވާފައިވަނީ މިހާރު ކަން ހިނގަމުންދާ ގޮތާއި ކަނޑައެޅިގެން ހިލާފު ވާހަކަތަކެއް ކަމުގައި ޓްރާސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.