ދުނިޔެ

އައު ވައިރަސް ފެތުރޭ ޤައުމުތަކުގެ މީހުން އިތުރު ޓެސްޓެއް ހަދަންޖެހޭނެ - އިންޑިއާ


އިނގިރޭސިވިލާތާއި ދެކުނު އެފުރިކާއާއި ބުރެޒިލުން އިންޑިޔާއަށް ދަތުރުކުރާ މީހުން ކޯވިޑްގެ މޮލެކިއުލާ ތަހުލީލުކުރުން މަޖުބޫރުކުރާނެކަމަށް އެ ޤައުމުން ބުނެފިއެވެ. މި ފިޔަވަޅު އެޅުމަށް ނިންނާފައިވަނީ ކޯވިޑްގެ އައު ވައްތަރުތައް އިންޑިޔާގައި ފެތުރޭ މިންވަރު ކުޑަކުރުމަށް އެ ޤައުމުން ސަރުކާރުން ބުނެއެވެ.

އެމެރިކާއަށް ފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް ޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތީ އިންޑިޔާއެވެ. އެ ޤައުމުގައި މިހާތަނަށް 10.9 މިލިއަން މީހުންނަށް ބަލިޖެހި 156،038 މީހުންވަނީ މަރުވެފައެވެ. ދެކުނު އެފުރިކާއިން ފެނުނު ވޭރިއަންޓުގެ ސަބަބުން ބަލިޖެހިފައިވާ ހަތަރު މީހުން މިދިޔަ މަހުގެ ތެރޭގައި އިންޑިޔާއިންވަނީ ފެނިފައެވެ. އަދި ބުރެޒިލުގައި ފެތުރޭ ވޭރިއަންޓުގެ ސަބަބުން ބަލިޖެހިފައިވާ އެކަކު މި މަހުގެ ތެރޭގައިވަނީ ފެނިފައެވެ. އިނގިރޭސިވިލާތުގައި ފެތުރޭ ވޭރިއަންޓުގެ ސަބަބުން އިންޑިޔާގައި މިހާތަނަށް 187 މީހުންނަށްވަނީ ބަލިޖެހިފައެވެ.

އިންޑިޔާގެ ސަރުކާރުން ބުނީ އިނގިރޭސިވިލާތުގައި ފެތުރެމުންދާ ވޭރިއަންޓަށްވުރެ ދެކުނު އެފުރިކާއާއި ބުރެޒިލުގައި ފެތުރެމުންދާ ވައިރަހުގެ ވޭރިއަންޓުގެ ސަބަބުން އިންސާނުންގެ ފުއްޕާމެޔަށް އަސަރުކުރާ މިންވަރު ބޮޑުކަމަށެވެ.

އިންޑިޔާއިން ބުނީ އަންނަ ހަފުތާއިން ފެށިގެން ވައިގެ މަގުން ދެކުނު އެފުރިކާ، ބްރެޒިލް އަދި އިނގިރޭސިވިލާތުން އެ ޤައުމަށް ދަތުރުކުރާ މީހުން ވަކިން ބޭތިއްބުމަށް އެއާލައިނުތަކަށް ލާޒިމްވާނެކަމަށެވެ. އިންޑިޔާއާއި ދެކުނު އެފުރިކާ އަދި ބުރެޒިލާއި ދެމެދު ވައިގެ ސީދާ ދަތުރުތަކެއް ނޯވެއެވެ. އެ ޤައުމުތަކުން އިންޑިޔާއަށް މީހުން ގިނައިން ދަތުރުކުރަނީ މެދުއިރުމަތީގެ ޤައުމުތަކުގެ ވައިގެ ބަނދަރުތަކުގައި ޓްރާންސިޓުވެގެންނެވެ.

އިންޑިޔާގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތާއި ވިލާތާއި މެދުއިރުމަތީގެ ސަރަޙައްދުތަކުން އަންނަ ފްލައިޓުތަކުގައި ދަތުރުކުރާ ނުވަތަ ޓްރާންސިޓުވާ ފަރާތްތަކުން އަމިއްލަ ޚަރަދުގައި ކޯވިޑްގެ މޮލެކިއުލާ ތަހުލީލެއް އިންޑިޔާއަށް އައުމާއިއެކު ހަދަންޖެހޭނެކަމަށެވެ. އޭގެ އިތުރުން އިންޑިޔާއަށް އައުމަށް އެއްވެސް މަތިންދާ ބޯޓަކަށް އެރޭނީ ކޯވިޑް ޖެހިފައި ނުވާކަން ޔަޤީންކޮށްދޭ ލިޔުމަކާއިއެކުގައިކަމަށެވެ. ނަމަވެސް ޢާއިލާގެ މެންބަރަކު ނިޔާވެގެން ދަތުރުކުރަންޖެހޭފަދަ ޙާލަތްތަކުގައި އެފަދަ ލިޔުމެއް ނެތިވެސް ދަތުރުކުރެވޭނެކަމަށް އެ ވުޒާރާއިން ބުނެއެވެ.