ޚަބަރު

ކޯވިޑް-19 : އަދަދުތައް އަދިވެސް މަތީގައި، މިރޭވެސް 127 ޕޮޒިޓިވް ކޭސް


ރާއްޖެއިން ކޯވިޑް-19އަށް އިތުރު 127 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބުދަ ދުވަހު އިރުއޮއްސި 6:00 އިން ފެށިގެން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އަލަށް ކޯވިޑަށް ޕޮޒިޓިވްވީ 127 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 98 މީހަކާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 10 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 17 މީހެއްގެ އިތުރުން ސަފާރީއަކުން ޕޮޒިޓިވްވި 2 މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 18467 އަށް އަރާފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 102 މީހުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ބަލިން ރަނގަޅުވެފައިވެއެވެ. މިއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 15965 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2446 މީހުންނެވެ. މިބަލީގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދު މަޑުމަޑުން ވަނީ ދަށަށްދާން ފަށާފައެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 159 މީހުންނަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4245 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 483995 ސާމްޕަލްވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 58 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 50 ދިވެހިންނާއި 8 ބިދޭސީންނެވެ.