ކޯވިޑް-19

ކޯވިޑް-19 : ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، ކޯވިޑް-19 ޖެހިގެން ނިޔާވީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އަދި އޭނާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދަނިކޮށްކަމަށެވެ.

މިއާއެކު، ރާއްޖޭގައި ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 59 އަށް އަރާފައިވާއިރު، މި ބަލީގައި އެންމެފަހުން މީހަކު ނިޔާވެފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހު ނިޔާވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު އަނެއްކާވެސް ގޯސްވެފައިވާއިރު، މި ބަލީގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް 18،400 އަށްވުރެ ގިނަ މީހުންނަށް ވަނީ މި ބަލިޖެހިފައެވެ. އޭގެ ތެރެއިން 2446 ދަނީ ފަރުވާ ދެމުންނެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 159 މީހަކަށް މިވަގުތުވެސް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖޭގައި މި ބަލީގައި ނިޔާވެފައިވަނީ 51 ދިވެހިންނާއި 8 ބިދޭސީންނެވެ.