ވިޔަފާރި

44،000 އަށްވުރެ ގިނަ އެނދު ފަތުރުވެރިކަމުގެ އޮޕަރޭޝަނަށް ނެރެފި


މިހާތަނަށް 44 ހާހަށްވުރެ ގިނަ އެނދު ފަތުރުވެރިކަމުގަ އަލުން އޮޕަރޭޝަނަށް ނެރެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ 44277 އެނދު އޮޕަރޭޝަނަށް ގެނެވިފައިވާއިރު، މީގެތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 33672 އެނދާއި، ހޮޓާތަކުގެ 1458 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2665 އެނދާއި، ގެސްޓުހައުސްތަކުގެ 6482 އެނދުކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

އަލުން އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ އަދަދުތަކަށް ބަލާލާއިރު، 146 ރިސޯޓު، 11 ހޮޓާ، 137 ސަފާރީ 352 ގެސްޓުހައުސް ހިމެނޭހެން ޖުމަލް 646 ޓޫރިސްޓު ފެސިލިޓީއެއްވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނަ އަދަދަކަށް ރިސޯޓް ހުޅުވާފައިވަނީ ކ.އަތޮޅުންނެވެ. އެގޮތުން ކ.އަތޮޅުން 47 ރިސޯޓް ހުޅުވާފައިވާއިރު، މިއީ ފަތުރުވެރިކަމުގެ 11338 އެނދެވެ. ދެން އެންމެ ގިނަ އަދަދަކަށް ރިސޯޓްތައް އަލުން ހުޅުވާފައިވަނީ ބ. އަތޮޅުންނާއި އދ. އަތޮޅުންނެވެ. މި ދެ އަތޮޅުންވަނީ 16 ރިސޯޓް ހުޅުވާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މާލެ ސަރަޙައްދުންވަނީ 46 ގެސްޓްހައުސްއެއް ހުޅުވާ 1330 އެނދު ފަތުރުވެރިކަމަށް ނެރެފައެވެ. ދެން އެންމެ ގިނަ އަދަދަކަށް ގެސްޓްހައުސްތަކުން އެނދު ފަތުރުވެރިކަމަށް ނެރެފައިވަނީ މާފުށިންނެވެ. މާފުށިންވަނީ 27 ގެސްޓު ހައުސްއެއް އަލުން ހުޅުވާ ފަތުރުވެރިކަމަށް 1070 އެނދު ނެރެފައެވެ.

ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން އަލުން ހުޅުވަމުންދާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 151113 ފަތުރުވެރިން އައިސްފައެވެ. މީގެތެރޭގައި ހިމެނެނީ ޖެނުއަރީމަހު ރާއްޖެއަށް އައި92103 ފަތުރުވެރިންނާއި، ފެބުރުއަރީ މަހުގެ ފުރަތަމަ 18 ދުވަސްތެރޭ ރާއްޖެއަށް އައި 59010 ފަތުރުވެރިންނެވެ.