ދުނިޔެ

ޖަޕާނުންވެސް ކޯވިޑްގެ އައު ވައްތަރު ފެނިއްޖެ


ޖަޕާނުގައި ކޯވިޑް-19ގެ އައު ވޭރިއެންޓެއް ފަތުރެމުންދާކަމަށް އެ ޤައުމުން ބުނެފިއެވެ.

ޖަޕާނުގެ ޗީފް ކެބިނެޓް ސެކެޓްރީ، ކަޓްސުނޯބޫ ކާޓޯ ވިދާޅުވީ ކޯވިޑްގެ އައު ވޭރިއެންޓެއްގެ ސަބަބުން ބަލިޖެހިފައިވާ 93 މީހުން އެ ޤައުމުގެ އިރުމަތީ ސަރަޙައްދެއްކަމަށްވާ ކަންޓޯއާއި ދެ ވައިގެ ބަނދަރަކުން ފެނިފައިވާކަމަށެވެ. ބަދަލު އައިސްފައިވާ ވައިރަހުގެ ވޭރިއެންޓުތައް ވެކްސިނަށް ނުގުޑާފާނެކަމުގެ ކަންބޮޑުވުން އޮތުމުން، ޖަޕާނުގެ ސަރުކާރުންދަނީ އައު ވޭރިއަންޓުތަކަށް ޚާއްޞަ ސަމާލުކަން ދެމުންނެވެ. ކާޓޯ ވިދާޅުވީ މީގެ ކުރިން ފެތުރެމުންދިޔަ ވައިރަހަށްވުރެ އައު ވޭރިއެންޓުގެ ވާރުތަވުމުގެ ބާރު ގަދަވުމުގެ ފުރުޞަތު އޮތުމުން، އާންމުގެ މެދުގައި އެ ވޭރިއަންޓު ފެތުރެން ފަށައިފިނަމަ ބަލިޖެހޭ މީހުންގެ ޢަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެދާނެކަމަށެވެ.

ޖަޕާނުން ފެނިފައިވާ ވައިރަހުގެ އައު ވޭރިއަންޓު އައިސްފައިވަނީ ބޭރު ޤައުމަކުންކަމަށް ބެލެވެއެވެ. އެ ވޭރިއަންޓަކީ މީގެ ކުރިން ދޭތެރެ ދޭތެރެއިން ޖަޕާނުގައި ފެންނަމުންދިޔަ އެހެން ވޭރިއަންޓުތަކާއި ތަފާތު ވޭރިއަންޓެއްކަމަށް ޖަޕާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީސަސްއިން ބުނެއެވެ. ކޯވިޑް ޖައްސާ ވައިރަހުގެ މުހިންމު ސިފައެއް ކަމުގައިވާ ކަށި ފަޅާފައި ހުންނަ ގޮތަށް ވައިރަހުގައި ހުންނަ ޕްރޮޓީނަށް ބަދަލު އައިސްފައިވާކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ. އެ ބަދަލުގެ ސަބަބުން އެ ވައިރަސް ވެކްސިނަށް ގުޑާ މިންވަރު ދަށްވުން އެކަށީގެންވެއެވެ.

ޖަޕާނުގައި މިހާތަނަށް 400،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހި 7،194 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި މިހާރު ފެތުރެމުންދަނީ ބަލިމަޑުކަމުގެ ތިންވަނަ ރާޅެކެވެ. އިނގިރޭސިވިލާތާއި ދެކުނު އެފުރިކާ އަދި ބުރެޒިލުން ފެނިފައިވާ ކޯވިޑް ވޭރިއަންޓުތައްވެސް ޖަޕާނުން މީގެ ކުރިންވަނީ ފެނިފައެވެ. އެގޮތުން އެ ވޭރިއަންޓުތަކުގެ ސަބަބުން ކޯވިޑް ޖެހިފައިވާ 151 ކޭސް ޖަޕާނުންވަނީ ފެނިފައެވެ. ޖަޕާނުގެ ކޯވިޑާއި ދެކޮޅަށް ވެކްސިން ދިނުމުގެ މަޝްރޫޢު މި ހަފުތާގެ ތެރޭގައި ފެށުމަށް އެ ޤައުމުންދަނީ ތައްޔާރުވަމުންނެވެ.