ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކޮންމެ ވާހަކަފުޅެއްވެސް ދައްކަވާނީ ކަށަވަރު ހެކި ހުރެގެންކަމަށާއި، އެމަނިކުފާނަކީ އިތުރުފުޅު ހައްދަވާނެ ބޭފުޅެއް ނޫންކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރޭ ހުވަދުއަތޮޅު ދެކުނުބުރީ ވާދޫގައި ބޭއްވި ޕީޕީއެމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހައުސިންގ މިނިސްޓަރ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުން ސިޔާސީ އިދިކޮޅު ފިކުރުގެ މީހުން ތަފާތު ވާހަކަތައް ދައްކަމުންދާ ކަމަށާއި، ނަމަވެސް ރައީސް ޔާމީންއަކީ ކަށަވަރު ހެކި ހުރެގެން ނޫނީ ވާހަކަފުޅު ދައްކަވާނެ ބޭފުޅެއް ނޫންކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޤައުމުގެ ހާލަތު ބަދަލުކުރުމަށް ބަޔަކު މަސައްކަތްކުރަމުން ގެންދާކަމަށާއި، ނަމަވެސް ދުނިޔޭގެ ބޮޑެތި ޑިމޮކްރެޓިކް ގައުމުތަކުގައިވެސް، އެޤައުމަކަށް ބޮޑުކަމެއް ދިމާވެއްޖެނަމަ ސަރުކާރާއެކު ޤައުމީކަންތަކުގައި ޤައުމު އިސްކުރާނެކަމަށެވެ. ނަމަވެސް ރާއްޖޭގައި ފެންނަނީ ކޮންމެ ކަމެއްގައިވެސް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދާތަންކަމަށް ވިދާޅުވިއެވެ. މިނިސްޓަރ މުއިއްޒު ވިދާޅުވީ ސެޕްޓެމްބަރ މަހުގެ 28ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި ދިން އުދުވާނީ ހަމަލާގައި ރައީސް އަބްދުﷲ ޔާމީނަށް އެއްވެސް ގެއްލުމެއް ލިބިވަޑައިގެންނެވިނަމަ އެކަން ބަލާނެ ބަޔަކު ރާއްޖޭގައި ނުތިބީސްކަމަށާއި، ތަޙުޤީޤު މިހަލުވިމިނުގައި ގެންދަވާނެ މީހަކުވެސް ނުވީސްކަމަށެވެ. މިހާދިސާއަށްފަހުވެސް ޤައުމުގެ އެއްވެސް ކަމެއް ނުހުއްޓޭކަމަށާއި އެއްވެސް ކަމެއް ދަތިވެފައިނުވާކަން ފާހަގަކުރައްވާ، މިނިސްޓަރ ވިދާޅުވީ، މާލެއަށްވުރެ ގިނަ އުމްރާނީ މަޝްރުއުތައް މިވަގުތުވެސް ކުރިއަށްދަނީ އަތޮޅުތަކުގައިކަމަށާއި، އެގޮތުން ޕީއެސްއައިޕީގެ 90 އިންސައްތަ މަސައްކަތް ހިނގަމުންދަނީ އަތޮޅުތަކުގައިކަން ފާހަގަކުރެއްވި. ރޭގެ ޖަލްސާގައި ވާދޫ ހިމެނޭ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި، އައްޑޫ ފޭދޫ ދާއިރާގެ މެމްބަރުގެ ވާހަކަފުޅުގައިވެސް، ޤައުމަށް ކުރިމަތިވި މި ހިތާމަވެރި ދަނޑިވަޅުގައިވެސް ސިޔާސީ ފަރާތަކުން ޤައުމު ހަލަބޮލިކުރަން އުޅޭކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.