ޚަބަރު

ކޯވިޑް-19، ދިފާޢު: މިހާތަނަށް 70،000އަށްވުރެ ގިނަ މީހުން ވެކްސިން ޖަހައިފި


ރާއްޖެއިން އިތުރު 5،283 މީހުންނަށް ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންދީފިއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު 70،000އިން މައްޗަށް އަރައިފިއެވެ.

ރާއްޖޭގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ދޭންފެށީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. ވޭތުވެދިޔަ 24ގަޑިއިރުތެރޭގައި ރާއްޖޭގައި ކޯވިޑް-19އިން ދިފާޢުވުމަށްދޭ ވެކްސިން 5،283މީހުން ޖަހާފައިވެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19ގެ ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 70،009އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24ގަޑިއިރުތެރޭ ވެކްސިންޖެހި 5،283މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 3،755މީހުންނާ، އަތޮޅުތަކުގެ ސެންޓަރުތަކުން ވެކްސިން ޖެހި 1،528މީހުންނެވެ. މިއާއެކު މާލެ ސަރަޙައްދުގައި ވެކްސިންޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 53،669އަށް އަރާފައެވެ. އަދި އަތޮޅުތަކުން ވެކްސިން ޖެހު މީހުންގެ އަދަދުވަނީ 16،340އަށް އަރާފައެވެ.

މާލޭގެ 10 ސެންޓަރަކުންދަނީ ވެކްސިން ދިނުމުގެ ޚިދުމަތްދެމުންނެވެ. އަދި އަތޮޅުތަކުގެ 69 ސެންޓަރެއްގައި ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ދީފައިވެއެވެ.

ރައްޖޭގައި އަދި ދެމުންދަނީ ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒްއެވެ. މިހާތަނަށް ރާއްޖޭގެ އާބާދީގެ %14އަށް މިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ ފުރަތަމަ ޑޯޒް ދިންތާ 8 ހަފްތާ ފަހުންނެވެ.

ރާއްޖޭގައި ކޯވިޑުން ދިފާއުވުމަށް ދެމުން އަންނަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި، އޮކްސްފޯޑާ އެސްޓްރްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިންއެވެ. މިހާތަނަށް މީގެ 200،000ޑޯޒް ވެކްސިން އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔަކޮށްފައެވެ.