ދުނިޔެ

ރަޝިޔާގައި 3 ވަނަ ވެކްސިނެއް އުފައްދާ ހުއްދަދީފި


ރަޝިޔާގައި އުފެއްދި ކޯވިޑް- 19ގެ ތިންވަނަ ވެކްސިން އެ ޤައުމުގައި ބޭނުންކުރުމުގެ ޙުއްދަ ދީފިއެވެ.

ރަޝިޔާގެ ޗުމަކޮވް ސެންޓަރުން އުފައްދާ ކޯވިވެކްގެ ނަމުން ނަންދީފައިވާ ވެކްސިން އާންމުންނަށް ދިނުމުގެ ޙުއްދަ ދީފައިވާކަން އިޢުލާނުކޮށްފައިވަނީ ރަޝިޔާގެ ބޮޑުވަޒީރު މީޙާއިލް މިޝުސްޓިންއެވެ. ބޮޑުވަޒީރު މިޝުސްޓިން ވިދާޅުވީ ކޯވިޑާއި ދެކޮޅަށް ތިން ވެކްސިން އުފައްދާފައިވާ ހަމައެކަނި ޤައުމުގެ ގޮތުގައި އޮތީ ރަޝިޔާކަމަށެވެ.

ރަޝިޔާއިން އުފައްދާފައިވާ އައު ވެކްސިނަކީ ނަކަލުކުރުމުގެ ބާރުކަނޑުވާފައިވާ ކޮރޯނާ ވައިރަހެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ 'ހޯލް-ވިރިއޮން' ވެކްސިނެކެވެ. ވެކްސިން ތައްޔާރުކުރުމުގައި ބާރުކަނޑުވާފައިވާ ކޮރޯނާ ވައިރަހެއް ބޭނުންކުރުމުން އެ ވެކްސިން ވައިރަހުގެ ވޭރިއަންޓުތަކާއި ދެކޮޅަށް މަސައްކަތްކުރާ މިންވަރު އިތުރުވާނެކަމަށް ބެލެވޭކަމަށް ބައެއް ވައިރޮލޮޖިސްޓުންވަނީ ފާހަގަކޮށްފައެވެ. ދެ ޑޯޒް ހިމެނޭ ކޯވިވެކްގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދިނުމުގެ 14 ދުވަސް ފަހުންނެވެ. އެ ވެކްސިނަކީ އާދައިގެ ފުރިޖެއްގެ ފިނިހޫނުމިނުގައި ރައްކާކުރެވޭ ވެކްސިނެކެވެ.

ރަޝިޔާއިން ތިންވަނަ ވެކްސިނަކަށް ޙުއްދަ ދީފައިވާއިރު އެ ވެކްސިންގެ ފަހު މަރުހަލާގެ ކްލިނިކަލް ޓްރަޔަލްތައް ފުޅާދާއިރާއެއްގައި މިހާތަނަށް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ 200 މީހުންގެ މެދުގައި އެ ވެކްސިންގެ ރައްކާތެރިކަންވަނީ ތަހުލީލުކޮށްފައެވެ. އެ ތަހުލީލުތަކުން ވެކްސިންގެ އެއްވެސް ސައިޑު އިފެކްޓެއް ފާހަގަވެފައިނުވާކަމަށާއި ވެކްސިން ޖެހުމުން ހުން އަންނަ ކަމަށް ފާހަގަވެފައި ނުވާކަމަށް ވެކްސިން އުފައްދާފައިވާ ޗުމަކޮވް ސެންޓަރުގެ ފަރާތުން މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައިވަނީ ބުނެފައެވެ. މެދު މަރުހަލާގެ ތަހުލީލުތައް މިހާރު ކުރިއަށްދާ ކަމަށާއި ވެކްސިން މަސައްކަތްކުރާ މިންވަރު ޔަޤީންވާނީ ޕްލެސީބޯއެއް ބޭނުންކޮށްގެން ފަހު މަރުހަލާގެ ތަހުލީލުތައް ކުރިއަށް ގެންގޮސްގެންކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.

މީގެ ކުރިން ރަޝިޔާއިން ވަނީ ކޯވިޑާއި ދެކޮޅަށް އުފައްދާފައިވާ ދެ ވެކްސިނެއް ބޭނުންކުރުމުގެ ޙުއްދަ ދީފައެވެ. އޭގެ ތެރޭގައި މޮސްކޯގެ ގަމާލެޔާ އިންސްޓިޓިއުޓުން ތައްޔާރުކޮށްފައިވާ ސްޕަޓްނިކް 5 ވެކްސިންވެސް ހިމެނެއެވެ. ރަޝިޔާއިން އެ ވެކްސިންތަކަށްވެސް ޙުއްދަ ދީފައިވަނީ ފަހު މަރުހަލާގެ ތަހުލީލުތަކުގެ ނަތީޖާތައް ނުލިބޭނީހެވެ.

ރަޝިޔާއިން މިގޮތަށް ވެކްސިންތަކަށް ޙުއްދަދެމުންދާތީ ހުޅަނގުގެ ސައިންސްވެރިންވަނީ އެކަމާއިމެދު ކަންވޮޑުވުން ފައުޅުކޮށްފައެވެ. ތަހުލީލުތަކުގެ ނަތީޖާ ލިބުމުގެ ކުރިން ވެކްސިނަށް ޙުއްދަދިން ކަމުގައި ވިޔަސް ކުރިން ޙުއްދަ ދީފައިވާ ދެ ވެކްސިންވެސް ފުޅާ ދާއިރާއެއްގައި އާންމުންނަށް ދޭން ފަށާފައިވަނީ ތަހުލީލުތައް ނިމި އޭގެ ނަތީޖާ ކާމިޔާބުކަމަށް ދެއްކުމުންނެވެ. އެގޮތުން ސްޕަޓްނިކް 5 ވެކްސިނަށް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ހުއްދަ ދީފައިވާ ނަމަވެސް، އެ ވެކްސިންގެ ފަހު މަރުހަލާގެ ތަހުލީލުތައް ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އާންމުންނަށް ވެކްސިން ދޭން ފަށާފައިވަނީ ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 91.4 އިންސައްތަކަމަށް ތަހުލީލުތަކުގެ ނަތީޖާއިން ދެއްކުމުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން ފެބްރުއަރީ މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް މިހާތަނަށް ރަޝިޔާގެ ދެ މިލިއަނަށްވުރެ ގިނަ މީހުންނަށް ސްޕަޓްނިކް 5 ވެކްސިންގެ ފުރަތަމަ ޑޯޒްވަނީ ދީފައެވެ.

ރަޝިޔާއިން ތައްޔާރުކޮށްފައިވާ ދެވަނަ ވެކްސިން ކަމުގައިވާ ވެކްޓާ އިންސްޓިޓިއުޓުގެ ވެކްސިން އާންމުންނަށް ދޭން ފެށުމަށް މިހާރުދަނީ ތައްޔާރުވަމުންނެވެ.