ޚަބަރު

އުމުރުން 30އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމަށް ހުޅުވާލައިފި


އުމުރުން 30އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެޗްޕީއޭއިން ވިދާޅުވީ މިއަދުން ފެށިގެން ކޯވިޑް-19އިގެ ވެކްސިން އުމުރުން 30 އަހަރުން މަތީގެ އެންމެންނަށް ޖެހޭނެކަމަށެވެ.

އުމުރުން 18އަހަރާ 30އަހަރާ ދެމެދުގެ އުރުފުރާގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާކުރާ މީހުންނަށް މިހާރުވެސް އަންނަނީ ވެކްސިން ދެމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހުރާއްޖޭގައި ވަނީ އުމުރުން 35އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކުގެ މީހުންނަށްވެސް ވެސިންދޭން ފަށާފައެވެ. ރާއްޖޭގައި ދެމުން އަންނަ ކޮވިޝީލްޑް ވެކްސިން ދެނީ އުމުރުން 18އަހަރުން މަތީގެ މީހުންނަށެވެ.

ކޯވިޑް-19 ދިފާޢު ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ މިމަހުގެ 1ވަނަ ދުވަހުއެވެ. ފުރަތަމަ ވެކްސިން ދޭންފެށީ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށެވެ. މާލޭގެ 10 ސެންޓަރަކާއި އަތޮޅުތަކުގެ ހެލްތު ސެންޓަރުތަކާއި ސިއްޚީ މަރުކަޒުތަކުގައިވެސް ވެކްސިން އަންނަނީ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް 70000އަށްވުރެ ގިނަ މީހުން ވަނީ ކޯވިޑް ދިފާޢު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.
އެއީ ރާއްޖޭގެ އާބާދީގެ %14މީހުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24ގަޑިއިރުތެރޭ ވެކްސިންޖެހި ފަސްހާސް ދުއިސަތްތަ އަށްޑިހަ ތިން މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 3755މީހުންނާ، އަތޮޅުތަކުގެ ސެންޓަރުތަކުން ވެކްސިން ޖެހި 1528މީހުންނެވެ. މިއާއެކު މާލެ ސަރަޙައްދުގައި ވެކްސިންޖެހި މީހުންގެ ޖުމްލަ އަދަދުވަނީ ފަންސާސް ތިންހާސް ހަސަތޭކަ ފަސްދޮޅަސް ނުވައަކަށް އަރާފައެވެ. އަދި އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ އަދަދުވަނީ ސޯޅަހާސް ތިންސަތޭކަ ސާޅީހަށް އަރާފައެވެ.

ރާއްޖޭގައި މިހާރު ޖަހަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑްގެ 100000 ޑޯޒްއެވެ. އަދި އިތުރު 100000ޑޯޒްގެ ވެކްސިން އިންޑިއާއިން އަނެއްކާވެސް މިވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. މީގެއިތުރަށް ޗައިނާއިންވެސް ރާއްޖެއަށް 100000ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ނިންމާފައިވާކަންވަނީ ހާމަކޮށްފައެވެ.

ސަރުކާރުންދަނީ ރާއްޖޭގެ މުޅި އާބާދީގެ ވެކްސިން ޖެހޭ ހުރިހާ އުމުރުފުރާތަކުގެ މީހުންނަށް، 6 މަސްތެރޭ ވެކްސިންދީ ނިންމުމަށް މަސައްކަތްކުރަމުންނެވެ. އަދި އާބާދީއަށް ވާވަރަށް ވެކްސިން ގެނައުމަށް، 700000ޑޯޒް ވެކްސިން ސިންގަޕޫރުގެ ކުންފުންޏަކުން ގަތުމުގެ އެއްބަސްވުމެއްވެސް ވަނީ ޤާއިމުކޮށްފައެވެ.