ޚަބަރު

ކޯވިޑް-19 : ނޭކުރެންދޫ މޮނިޓަރިންއަށް


ކޯވިޑް-19ގެ ކޭސްއެއް ފެނިގެން ހދ.ނޭކުރެންދޫ މޮނިޓަރިންގެ ޙާލަތަށް ލައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ އާދަމް ވިދާޅުވީ އެރަށް މޮނިޓަރިންގެ ޙާލަތަށްގެންދިޔައީ ރަށުގައި އުޅުމަށްފަހު ރިސޯޓަކަށް ދިޔަ މީހަކު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެންކަމަށެވެ. އޭނާ ވިދާޅުވީ ޕޮޒިޓިވްވި މީހާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ ރިސޯޓަށް ދިއުމަށްފަހު ހެދި ޓެސްޓަކުންކަމަށެވެ.

މި ކޭސްއާ ގުޅިގެން ނޭކުރެންދޫ މޮނިޓަރިންގެ ޙާލަތަށް ގެންގޮސް އެރަށަށް އަރާފޭބުންވަނީ މަނާކޮށްފައެވެ.

މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންނެވެ. އަދި ބަލިމީހާއާ ކޮންޓެކްޓްވި މީހުން ދެނެގަތުމާއި އެމީހުން އެކަހެރިކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ކައުންސިލުން މަޢުލޫމާތުދެއްވައެވެ. ރަށުން ރެންޑަމް ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.