ޚަބަރު

ސިފައިންގެ ކޯސްޓްގާޑު ފްލީޓަށް އުޅަނދެއް ހޯދައިދޭނެކަމުގެ ޔަޤީންކަން ޔޫއޭއީން ދީފި


ސިފައިންގެ ކޯސްޓްގާޑު ފްލީޓަށް އުޅަނދެއް ހޯދައިދޭނެކަމުގެ ޔަޤީންކަން ޔުނައިޓެޓް އަރަބް އެމިރޭޓްސް، ޔޫ.އޭ.އީން ދީފިއެވެ.

ޔޫ.އޭ.އީން މި ޔަޤީންކަން ދީފައިވަނީ ޗީފް އޮފް ސްޓާފް އޮން ދަ ޔޫ.އޭ.އީ އާމްޑް ފޯސަސް ޖެނެރަލް ހަމްދު އެމް. ޘާނީ އައް ރުމައިތީއާ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ބައްދަލުކުރައްވާ، ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

ދެ ބޭފުޅުން ބައްދަލުކުރައްވާފައި މިވަނީ، ޗީފް އޮފް ސްޓާފް އޮން ދަ ޔޫއޭއީ އާމްޑް ފޯސަސް ޖެނެރަލް ހަމްދު އެމް. ޘާނީ އައް ރުމައިތީގެ ޚާއްޞަ ދައުވަތަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު، ޔޫއޭއީއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި، ދިވެހި ސިފައިންގެ އިންސާނީ ވަސީލަތް ތަރައްޤީކޮށް އެމް.އެން.ޑީއެފް މެރިންކޯ އަދި ސްޕެޝަލް ފޯސަސްގެ ތަމްރީނާއި، އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށް ޔޫއޭއީން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި މަޝްވަރާތަކުގައި، އެމްއެންޑީއެފް މެރިންކޯއާއި ސްޕެޝަލް ފޯސަސްގެ ޤާބިލްކަން އިތުރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި، އެމްއެންޑީއެފް ކޯސްޓްގާޑު ފްލީޓަށް އުޅަނދެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ޖެނެރަލް ހަމްދު އެމް. ޘާނީ އައް ރުމައިތީ ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއަށް ދެއްވާފައެވެ. އަދި ދެ ޤައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ޔޫ.އޭ.އީގެ ވެރިރަށް އަބޫ ދާބީއަށް ކުރައްވާ މި ދަތުރުފުޅަކީ، އެ ޤައުމުގައި ކުރިއަށްދާ "އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން" (އައިޑެކްސް) އާއި "ނޭވަލް ޑިފެންސް އެގްޒިބިޝަން" (ނޭވްޑެކްސް) ގައި ބައިވެރިވެވަޑައިގެންނެވުމަށް ފެބްރުއަރީ 20 އިން 25 އަށް އެ ޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ.