ތުރުކީގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް އެޤައުމުން ރާއްޖެއަށް އަންނަ ފަތުުރުވެރިންގެ އަދަދު އިތުރުކުރުމަށް ޓްރެވަލް ތުރުކީ އިޒްމީރް ޑިޖިޓަލް ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
14 ވަނަ ޓްރެވަލް ތުރުކީ އިޒްމީރް ފެއާ (ޓީ.ޓީ.އައި) އަކީ ތުރުކީގައި ބާއްވަމުން އަންނަ ޓްރެވަލް ޓްރޭޑް ފެއާތަކުގެ ތެރެއިން ވާޗުއަލްކޮށް އެންމެ ފުރަތަމަ ބާއްވާ ފެއާއެވެ.
މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން މިފެއާގައި ރާއްޖެ ތަމްސީލުކުރާނީ ޚާއްސަ ސްޓޭންޑެއްގައެވެ. ރާއްޖޭގެ ސްޓޭންޑް މެދުވެރިކޮށް ޓުއަރިޒަމް ޕްރޮޑަކްޓްތަކުގެ މައުލޫމާތާއި ރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތުގެ އިތުރުން ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރާނެއެވެ.
މި ފެއާގައި ކުރިއަށްދާ ޚާއްސަ ވެބިނާ ސެޝަންއެއްގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުޙައްމަދު ބައިވެރިވެވަޑައިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކޯވިޑް-19ގެ ސަބަބުން ދިމާވި ގޮންޖެހުންތަކާއި ރައްކާތެރި ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ހިންގަމުން އަންނަ ހަރަކާތްތަކާ ބެހޭގޮތުން ވާހަކަދައްކަވާނެއެވެ. އަދި ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާކުރެވެން ހުންނަ ތަފާތު ކަންތައްތަކާއި ރާއްޖެ ޤުދުރަތީގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮތުމާއި އަދި ވަން-އައިލެންޑް-ވަން-ރިސޯޓް ކޮންސެޕްޓްގެ ސަބަބުން ދިވެހިރާއްޖެއަކީ ހުރިހާ ގޮތަކުން ވެސް ފަތުރުވެރިންނަށް އެންމެ ރައްކާތެރި އަދި އެންމެ ހިތްގައިމު މަންޒިލަށް ވެގެންދާނެކަން ހާމަކޮށްދެއްވާނެ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ.
މިމަހުގެ 25 އިން 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި ދުނިޔޭގެ އެކި ގައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ އިސްފަރާތްތަކުން ބައިވެރިވާނެއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިފެއާގެ ޕްލެޓްފޯމްގެ ތެރެއިން ފެއާއަށް ޒިޔާރަތްކުރާ އަދި ބައިވެރިވާ އެކި ފަރާތްތަކާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ފަހިވެފައިވާއިރު މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މިފެއާގައި ބައިވެރިވާ ފަރާތްތަކާއެކު ވިޔަފާރި ގުޅުން ޤާއިމްކުރަން ލިބޭ މުހިންމު ފުރުސަތެއްގެ ގޮތުގައި އެމްއެމްޕީއާރުސީން ދެކެއެވެ.
ރާއްޖެ އާއި ތުރުކީއާ ދެމެދު ސީދާ ދަތުރުތައް ކުރާއިރު އެގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް ކުރިއަށް އޮތް ތަނުގައި އިތުރުކޮށް ކުރިއެރުވުމަށް ރާވާފައިވާކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.
އެގޮތުން ރާއްޖެ އަކީ އެގައުމުގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު ޖަޒީރާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް މިއަހަރު ކުރިއަށް ގެންދިއުމަށްރާވާފައިވާ ކަމަށާއި، ޖޮއިންޓް ޕްރޮމޯޝަންތަކާއި މުހިންމު ފެއާތަކުގައި ބައިވެރިވުމުގެ އިތުރުން ޑިޖިޓަލް އަދި ސޯޝަލް މީޑިއާ އެޑްވަޓައިޒިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވެސް ރާވާފައިވާ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމާއެކު ދަތުރުފަތުރުކުރުމަށް އެޅުނު ހުރަސްތަކާ އެކު ވެސް މިދިޔަ އަހަރު ތުރުކީން ވަނީ ދިވެހިރާއްޖެ 3,164 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.