ކޯވިޑް-19ގެ ސަބަބުން ޢާއްމު ޚިދުމަތްދޭ ތަންތަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑަށް ފެތޭތޯ ބެލުމަށްޓަކައި ކުރިއަށްގެންދާ މާސް އިންސްޕެކްޝަންގެ 3ވަނަ މަރުހަލާގައި ޖޫރިމާނާ ކުރުމުގެ ބަދަލުގައި އެތަނެއް 24 ގަޑިއިރަށް ބަންދުކުރަން ނިންމައިފިއެވެ.
އެޗްޕީޢޭގެ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދޭތޯ ބެލުމަށްޓަކައި މާސް އިންސްޕެކްޗަންގެ 5ވަނަ ބުރު ފަށާފައިވަނީ މިމަހުގެ ތެރޭގައެވެ.
ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރ އަޙްމަދު ނާޞިރު ވިދާޅުވީ އިންސްޕެކްޝަން ކުރިއަށް ގެންދާއިރު ފުރަތަމަ އެޗްޕީޢޭގެ އުޞޫލާ ޚިލާފަތް ޚިދުމަތްދޭ ތަންތަނަށް އުޞޫލާ އެއްގޮތަށް ޚިދުމަތް ދިނުމަށް ނަސޭހަތް ދެމުން އަންނާނެކަމަށެވެ. އަދި ނަސޭހަތް ދިނުމަށްފަހު ރަނގަޅުނުކުރުމުގެ ސަބަބުން ފިޔަވަޅު އަޅާނެކަމަށް އަންގާ އިންޒާރު ދެމުން އަންނަކަމަށެވެ. އެއަށްފަހު ޖޫރިމަނާ ކުރާކަން ނާޞިރު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް މިހާރު ގެނައި ބަދަލާއެކު ޖުރިމާނާ ކުރުމުގެ ބަދަލުގައި އުޞޫލާ ޚިލާފަށް ޚިދުމަތްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމަށް ނިންމާފައިވާކަމަށާ، ކުރިއަށްއޮތް ތަނުގައި އުޞޫލާ ޚިލާފުވާ ތަންތައް ބަންދުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޚިދުމަތް ހޯދާ ފަރާތްތަކާއި ޚިދުމަތް ދޭ ފަރާތްތައްވެސް މާސްކް ނާނަމަ އެމީހަކުވެސް ޖޫރިމަނާ ކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލްގައި ވާގޮތުން އުޞޫލާ ޚިލާފަށް ޚިދުމަތްދޭނަމަ ފުރަތަމަ ފަހަރަށް 5000 ރުފިޔާ ދެވަނަ ފަހަރު 25،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާއިރު އެންގުމާ ޚިލާފުވެ ކަންކަން ރަނގަޅު ނުކުރާނަމަ، ތިންވަނަ ފަހަރަށް 50،000 ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށްވަނީ ހަމަޖައްސާފައެވެ. އަދި ހަތަރުވަނަ ފަހަރު ޖޫރިމަނާގެ ގޮތުގައި 75،000 ރުފިޔާ ދައްކަންޖެހޭއިރު ފަސްވަނަ ފަހަރުގެ ޖޫރިމަނާއަކީ އެއްލައްކަ ރުފިޔާއެވެ.
މިފަހަރުގެ އިންސްޕެކްޝަންގައިވެސް ބަލަމުންގެންދާނީ ކެފޭ ރެސްޓޯރެންޓުތަކާއި ކެންޓީން ފަދަ ތަންތަން ހިންގުމުގައި ރައްކާތެރިކަމަށްޓަކާ ހިފަހައްޓަން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް އަމަލުކުރާ މިންވަރެވެ. ޚިދުމަތްދޭ ތަންތަނުގައި ގައިދުރުކަން ކަށަވަރުކުރެވޭނެ ގޮތަށް އިންތިޒާމުކޮށްފައި ހުރިތޯއާއި މާސްކު އެޅުމަށް ބާރުއަޅާ މިންވަރާއި އަތްދޮވުމާއި ހޭންޑް ސެނިޓައިޒާ ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތްވެސް މިއިންސްޕެކްޝަންގައި ބަލާނެއެވެ. މީގެ އިތުރުން އެއްފަހަރާ ޚިދުމަތްދިނުމަށް ކަނޑައަޅާ މިންވަރާއި އެއަށް ޢަމަލުކުރާ މިންވަރުވެސް އަންނަނީ ބަލަމުންނެވެ.
މި އިންސްޕެކްޝަންއަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މާލެ ސިޓީ ކައުންސިލާއި އެޗްޑީސީ ގުޅިގެން ކުރިއަށްގެންދާ އިންސްޕެކްޝަނެކެވެ.