ދުނިޔެ

ޓަމިލް ނާޑޫގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް ދަމަހައްޓައިފި


ކޯވިޑާއި ގުޅިގެން އިންޑިޔާގެ ޓަމިލް ނާޑޫ ސްޓޭޓުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޓަމިލް ނާޑޫގެ ސަރުކާރުން ބުނީ އެ ސްޓޭޓުގައި މިހާރު އާޅާފައިވާ ފިޔަވަޅުތައް އާދީއްތަ ދުވަހު ހަމަވެފައިވާއިރު، އެ ފިޔަވަޅުތައް މާރިޗު މަހުގެ ނިޔަލަށް ދެމެހެއްޓުމަށް ސަރުކާރުން ވަނީ ނިންމާފައިވާކަމަށެވެ. ސަރުކާރުން ބުނީ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވަނީ ކޯވިޑް ފެތުރުން ހުއްޓުވުމަށްކަމަށެވެ.

އެ ސްޓޭޓުގައި ހިމެނޭ ހުރިހާ ޑިސްޓްރިކްޓުތަކެއްގައި ބަލިމަޑުކަމާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒުކުރުމަށް ސަރަޙައްދީ ސަރުކާރުންވަނީ އަންގައިފައެވެ. އެގޮތުން އާންމުން މާސްކު އެޅުމާއި، އަތް ދޮވުމާއި ސާފުކުރުމާއި، ގައިދުރުކަން ބަހައްޓާތޯ ޔަޤީންކުރުމަށް ޓަމިލް ނާޑޫގެ ސަރުކާރުންވަނީ އަންގައިފައެވެ.

ފުރަބަންދުގެ ޙާލަތުގައި ޓަމިލް ނާޑޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައް މެދުކަނޑާލުމާއި، އިދާރާތަކާއި ފިހާރަތަކާއި އެހެނިހެން ވިޔަފާރިތައް ހުޅުވާފައި ބެހެއްޓޭ ވަގުތުތަކަށް ބަދަލު ގެނައުން ހިމެނެއެވެ.

ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް ޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތީ އިންޑިޔާއެވެ. ފާއިތުވި ދުވަސްތަކުގައި ކޯވިޑާއި ގުޅިގެން އެ ޤައުމުގެ ބައެއް ސްޓޭޓުތަކުގެ ޙާލަތުވަނީ ގޯސްވެފައެވެ. ޓަމިލްނާޑޫއިން މިހާތަނަށް 851،000 މީހުންނަށް ކޯވިޑް ޖެހި 12،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެ ސްޓޭޓުގައި 486 މީހުންނަށް ބަލިޖެހި ފަސް މީހުންވަނީ މަރުވެފައެވެ. މިވަގުތުވެސް އެ ޤައުމުގައި އެކްޓިވްސް ކޭސްގެ ގޮތުގައި 4،000އަށްވުރެ ގިނަ މީހުނަށް އަންނަނީ ފަރުވާދެމުންނެވެ.