ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޚަދީޖާ ނަޢީމް އައްޔަން ކުރައްވައިފި


ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް މާފަންނު ރަންވަރަ، އަލްއުސްތާޛާ ޚަދީޖާ ނަޢީމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޢައްޔަންކުރައްވައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް ޚަދީޖާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤާނޫނީ ދާއިރާގެ މެންބަރުކަން ހުސްވެފައިވަނީ އެމަޤާމު ފުރުއްވި ގ.ގޮފި، ފާތުމަތު މިންހަތު އިއްޒަތު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެ ޓްރައިބިއުނަލްގެ ޤާނޫނީ ދާއިރާގެ މެންބަރުގެ ގޮތުގައި ޢައްޔަންކުރައްވާފައިވާ ޚަދީޖާ ނަޢީމަކީ، ނޭޝަނަލް ލޯ ސްކޫލް އޮފް އިންޑިއާ ޔުނިވަރސިޓީއިން ބިޒްނަސް ލޯގެ ދާއިރާއިން މާސްޓަރސް އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޚަދީޖާ ނަޢީމް އެންމެ ފަހުން ފުރުއްވާފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ލީގަލް އޮފިސަރގެ މަޤާމެވެ. މީގެ އިތުރުން، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސްޓޭޓް އެޓަރނީގެ މަޤާމާއި، އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ ލީގަލްގެ މަޤާމު ވެސް އެ ބޭފުޅާ މީގެ ކުރިން ފުރުއްވާފައިވެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލް އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ. 5 މެންބަރުންގެ މައްޗަށް ހިމެނޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިއްބެވީ އެ ޓްރައިބިއުނަލްގެ ރައީސް، މުޙައްމަދު މުނައްވަރު އަލީ އާއި، ޙުސައިން ޒައިދާން ޖަލީލް އާއި، އިސްމާޢީލް ސާޖިދު އާއި އަލްއުސްތާޛް އަޙްމަދު އަޝްރަފްއެވެ.