ސަރުކާރާ ދެކޮޅަށް ކުރި ބަޣާވާތާ ގުޅިގެން މިޔަންމާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅަކާއި ލިބޭ އެކަހެރިކަމަށް އެޤައުމުގެ އަސްކަރިއްޔާއިން ކަންބޮޑުނުވާކަމަށް އދ އިން ބުނެފިއެވެ.
މިޔަންމާގެ އެންމެ އިސްވެރިޔާ އަން ސަން ސޫކީގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ސިފައިން ބަޣާވާތްކުރުމަށްފަހު ސޫކީ އާއި އެނާގެ ސަރުކާރަށް ނިސްބަތްވާ އިސްވެރިން ހައްޔަރު ކުރީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. އެއަށްފަހު އަސްކަރިއްޔާއިންވަނީ އެ ޤައުމުގައި އެއް އަހަރުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ.
އަސްކަރިއްޔާއިން ކުރި ބަޣާވާތް ނިމުމަކަށް ގެނެސް ސޫކީ މިނިވަންކުރުމަށް ގޮވާލައި މިޔަންމާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ މަގުމައްޗަށް ނުކުމެ މުޒާހަރާކުރަމުންނެވެ. އެ ޤައުމުގައި މުޒާހަރާތައް ކުރަމުންދާތާ މިވަނީ ހަތަރު ހަފުތާވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މުޒާހަރާތަކުގައި 38 މީހުންވަނީ މަރުވެފައެވެ.
މިޔަންމާއަށް ޚާއްޞަ އދ.ގެ މަންދޫބު ކްރިސްޓައިން ޝްރަނާ ބާގެނާ ވިދާޅުވީ އެކަމަނާ އާއި މިޔަންމާގެ އަސްކަރިއްޔާގެ އިސްވެރިޔާގެ ނައިބާ ބައްދަލުކޮށް ބަޣާވާތާ ގުޅިގެން އެޤައުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފާނެކަމަުގެ އިންޒާރު ދެއްވިކަމަށެވެ. އެހެންނަމަވެސް މިޔަންމާއަކީ އެހެން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އައު ޤައުމެއް ނޫންކަމަށް ބުނެ އެކަމާއި ކަންބޮޑުނުވާކަން އަސްކަރިއްޔާއިން ހާމަކުރިކަމަށްވެސް އދ.ގެ މަންދޫބު ކްރިސްޓައިން ވިދާޅުވިއެވެ. އަދި ޤައުމުތަކުން މިޔަންމާ އެކަހެރިކޮށްލި ނަމަވެސް ކިތަންމެ މަދު ޤައުމަކުން ގުޅުން ބޭއްވިނަމަވެސް އެޤައުމަތަކާއި އެކު މިޔަންމާއިން ކުރިއަށްދާނެކަމަށް އަސްކަރިއްޔާއިން ހާމަކުރިކަމަށްވެސް ކްރިސްޓައިން ވިދާޅުވިއެވެ.
އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ އަދި ވިލާތުގެ އިއްތިޙާދު ހިމެނޭގޮތަށް ހުޅަނގުގެ ޤައުމުތަކުންދަނީ މިޔަންމާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާމެދު ވިސްނަމުންނެވެ. އދ.ގެ ސަލާމަތީ މަޖިލީހުންވެސްވަނީ މިޔަންމާގެ ޙާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފައުޅުކޮށްފައެވެ.
ޝްރަނާ ބާގެނާ ވިދާޅުވީ އަހަރެއް ފަހުން މިޔަންމާގައި އިންތިޚާބު ބާއްވާނެކަމަށް އަސްކަރިއްޔާއިން ބުނެފައިވާކަމަށެވެ. ނަމަވެސް އަސްކަރިއްޔާގެ ރޭވުމަކީ ވެރިކަންކުރާ އެންއެލްޑީގެ އިސްވެރިން ހައްޔަރުކޮށް، އެމީހުންނަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ގޮތް ހެދުންކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.