ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވް ޢަދަދު 100އިން ދަށަށް


ގިނަ ދުވަސްތަކަކަށްފަހު ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކުގެ ޢަދަދު 100އިން ދައްވެއްޖެއެވެ. ވޭތުވެދިޔަ 24ގަޑިއިރު ރާއްޖެއިން ފެނުނު ކޯވިޑް-19ގެ ކޭސްތަކުގެ އަދަދަކީ 98އެވެ.

ކޭސްތަކުގެ ޢަދަދު 100އިން ދަށުގައި ހުރުމަށްފަހު، އެއްދުވަހާ ފެނުނު ކޭސްތަކުގެ ޢަދަދު 100އިން މައްޗަށް އަރާފައިވަނީ ޖެނުއަރީ މަހުގެ 24ވަނަ ދުވަހުއެވެ. އެދުވަހު 108 ކޭސް ފެނިފައިވެއެވެ. ޖެނުއަރީ 24ގެ ފަހުން ކޯވިޑް-19ގެ ކޭސް 100އިން ދަށަށް ދިޔައީ އެންމެ ފަހަރަކުއެވެ. އެއީ ނިމުނު ފެބްރުއަރީމަހުގެ 2ވަނަ ދަވަހުއެވެ. އެދުވަހު ފެނިފައިވަނީ 99ކޭސްއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހި ސާބުތައް ދައްކާގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި 6:00އިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އަށް ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވީ 98މީހުންނެވެ.

މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 78 މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވި 6 މީހުންނެވެ. މީގެ އިތުރުން ރިސޯޓުތަކުން ވަނީ 14 މީހަކު ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 20،663އަށް އިތުރުވެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު 143 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 17،979 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،613 މީހުންނެވެ. ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 161 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިގެން މަރުވެފައިވަނީ 64 މީހުންނެވެ. އެއީ 56 ދިވެހިންނާއި 8 ބިދޭސީންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،318 ސާމްޕަލް ވަނީ ނަގާފައެވެ. އަދި ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ އަދަދު މިހާރު ވަނީ 548،499 އަރާފައެވެ.