ދުނިޔޭގެ ވިޔަފާރި

އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް އުރުދުންގެ ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް


އުރުދުންގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ކޮންމެހެން މުހިންމު އިސްލާހުތައް ގެނައުން އަވަސްކުރުމަށް އެ ޤައުމުގެ ވަޒީރުންގެ މަޖިލީހަށް ބޮޑުވަޒީރު ބިޝަރު އަލްޚަޞަވުން ބަދަލުތަކެއް ގެންނަވައިފިއެވެ.

ބޮޑުވަޒީރު އަލްޚަޞަވުން އެ ބަދަލުތައް ގެންނަވާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ޤައުމުގެ މާލީ ޙަލަތު ރަނގަޅުކޮށް ދަރަނިން އަރައިގަތުމަށް 14 ބިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ފާސްކޮށްފައި ވަނިކޮށެވެ.

ކޯވިޑް-19ގެ ސަބަބުން އުރުދުންގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފަށް ވަޒީރުންގެ މަޖިލީހުގެ ދެ ވަޒީރަކު ކެއުމަކަށް ހާޒިރުވެ ވަޑައިގަތުމުން މިދިޔަ ހަފުތާގެ ތެރޭގައި ބޮޑުވަޒީރު އަލްޚަޞަވުންވަނީ އެ ޤައުމުގެ ދާޚިލީ ވަޒީރާއި ޖަސްޓިސް ވަޒީރު މަޤާމުން ވަކިކުރައްވާފައެވެ. ވަޒީޜުންގެ މަޖިލީހަށް ގެންނެވި ބަދަލުގެ ދަށުން އެ ދެބޭފުޅުންގެ ބަދަލުގައި އައު ވަޒީރުން ޢައްޔަނުކުރުމުގެ އިތުރުން އައު ހަތަރު ވަޒީރެއްވެސް ވަނީ ޢައްޔަނުކުރައްވާފައެވެ. ޤައުމަށް ކުރިމަތިވެފައިވާ އިޖުތިމާޢީ އަދި އިޤްތިޞާދީ މައްސަލަތައް ޙައްލުކުރުމަށް ބޮޑުވަޒީރު ދެއްވާ މުހިންމުކަން ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާއެކުވަނީ ފާހަގަވެފައެވެ.

ފަހުގެ އަހަރުތަކުގައި އުރުދުންގެ އިޤްތިޞާދަށް އައިސްފައިނުވާވަރުގެ ހީނަރުކަމެއް ފާއިތުވި މަސްތަކުގެ ތެރޭގައި އެ ޤައުމަށް ވަނީ އައިސްފައެވެ. ކޯވިޑް-19ގެ ސަބަބުން ފުރަބަންދުކުރަންޖެހުމާއި ފަތުރުވެރިކަމުގެ ދާއިރާއަށް ހީނަރުކަން އައުމުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ވަނީ ތިނެއް އިންސައްތައިގެ ހީނަރުކަމެއް އައިސްފައެވެ. ނަމަވެސް އެ ޤައުމުގެ އިޤްތިޞާދު މި އަހަރުގެ ތެރޭގައި ރަނގަޅުވާނެކަމަށް އެ ޤައުމުގެ ސަރުކާރުގެ އިތުރުން ބައިނަލްއަޤްވާމީ މާލީ އިދާރާ، އައިއެމްއެފުންވެސް ޤަބޫލުކުރެއެވެ. އުރުދުންގެ އިޤްތިޞާދު ރަނގަޅުކުރުމަށް އައިއެމްއެފުން ހުށަހަޅާފައިވާ ބަދަލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެ ޤައުމުން ދޭ އަހައްމިއްޔަތުގެ ސަބަބުން އެ ޤައުމުގެ ސޮވެރެއިން ރޭޓިންތައް ނުވެއްޓި އެއްވަރެއްގައި ހިފަހައްޓާލުމަށް ވަނީ އެހީތެރިވެދީފައެވެ.