ފަތުރުވެރިންގެ މެދުގައި މަޤްބޫލް މަންޒިލެއްކަމަށްވާ ތައިލެންޑުން، ޔޮޓުގައި ކަރަންޓީންވެވޭ ޕްރޮގްރާމެއް ފަށައިފިއެވެ.
ކޯވިޑްއާ ގުޅިގެން ތައިލެންޑުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެޤައުމަށް ޒިޔާރަތްކުރާ މީހުން 2 ހަފްތާއަށް ކަރަންޓީންވާންޖެހެއެވެ.
ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުން އަލަށް ފެށި ޕްރޮގްރާމްގެ ދަށުން ކޯވިޑްއަށް ނެގެޓިވް ޓެސްޓަކާއެކު އެޤައުމަށް އަންނަ ފަތުރުވެރިން 2 ހަފްތާގެ ކަރަންޓީން މުއްދަތު ޔޮޓެއްގައި ހޭދަކުރެވިދާނެއެވެ.
ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި "ޔޮޓް ކަރަންޓީން" ޕްރޮގްރާމްގެ ސަބަބުން 50 މިލިއަނެއްހާ ޑޮލަރުގެ އާމްދަނީއެއް އިންޑަސްޓްރީއަށް ލިބޭނެއެވެ. ކޯވިޑްގެ ސަބަބުން ތައިލެންޑުގެ ފަތުރުވެރިކަމަށް ބޮޑު އަސަރެއްކޮށްފައިވާއިރު، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ފަތުރުވެރިކަން އަލުން ކޮޅަށްޖެހުމަށް ކުރާ މަސައްކަތް ހަލުވިވެގެންދާނެއެވެ.
ޔޮޓުގައި ކަރަންޓީންވެވޭ ޕްރޮގްރާމެއް ތައިލެންޑުން ފަށާފައިވާއިރު، މީގެކުރިން އެޤައުމުން ވަނީ ގޮލްފް ކޯސްތަކުގައި ކަރަންޓީންވެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.
ތައިލެންޑުން އަލަށް ފެށި ޔޮޓް ކަރަންޓީން ޕްރޮގްރާމްގެ ދަށުން އެޤައުމުގެ މަޝްހޫރު ޕުކެޓްގައި ޔޮޓް ނުވަތަ ކްރޫޒް ޝިޕްތަކުގައި ކަރަންޓީންވެވޭނެކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި މިޕްރޮގްރާމްގެ ދަށުން މިހާރުވެސް އަޖުމަ ބެލުމަށް ބައެއް ޔޮޓްތައް ދަތުރުފަށާފައިވާއިރު، ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި 100 އެއްހާ ޔޮޓް އެސަރަޙައްދަށް އަންނާނެކަމަށް އޮފިޝަލުން ލަފާކުރެއެވެ. ޔޮޓްތަކުގައި އަންނަ މީހުންގެ އަތުގައި ޑިޖިޓަލް ބޭންޑެއް އަޅާފައި އޮންނައިރު، އޭގެއިން އެމީހާގެ ޓެމްޕްރޭޗަރ ބަލަމުންދާނެއެވެ. މީގެއިތުރުން އެމީހަކު އުޅޭ ސަރަޙައްދެއްވެސް އެ ބޭންޑުން ފެންނާނެއެވެ.
ކޯވިޑްގެ ކުރިން ތައިލެންޑުގެ މަޤްބޫލް މަންޒިލްތަކަށް ދުވާލެއްގެ މައްޗަށް 50 ހާހަށްވުރެ ގިނަ ފަތުރުވެރިން ކޮންމެ ދުވަހު އަންނައިރު، އެ އަދަދުތައް މިހާރު ވަނީ 100 އަށްވުރެ ދަށަށް ގޮސްފައެވެ.
މިދިޔަ އަހަރުގެ މާޗުމަހު ބޯޑަރުތައް ބަންދުކުރުމަށްފަހު، ތައިލެންޑުގެ ބޯޑަރުތައް ހާއްސަ ފިޔަވަޅުތަކަކާއެކު އަލުން ހުޅުވާފައިވަނީ މިދިޔަ އޮކްޓޫބަރުމަހުއެވެ. އަދި އޭޕްރީލް ނުވަތަ މޭމަހު ތައިލެންޑުގެ މަޤްބޫލް މަންޒިލްތަކުގެ ހޮޓާތަކުގައި ފަތުރުވެރިންނަށް ކަރަންޓީންވެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށް އެޤައުމުގެ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެއެވެ.