ސިޔާސީ

އެކުވެރި ޤައުމުތަކުގެ ހަމްދަރުދީ ރައީސްއަށް އެބައޮތް - ދުންޔާ


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން
އަވަހާރަކޮށްލުމަށް ދީފައިވާ ނުރައްކާތެރި ހަމަލާއާއި ގުޅިގެން ރާއްޖެއާއި
އެކުވެރި ގިނަ ގައުމުތަކަކުން ރައީސުލްޖުމްހޫރިއްޔާއަށް ހަމްދަރުދީ ފާޅުކުރަމުންގެންދާކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމާއި ވާހަކަފުޅު ދައްކަވަމުން ދުންޔާ
ވިދާޅުވީ މިހާތަނަށް މިފަދަ ނުރައްކާތެރި ހަމަލާއެއް ރާއްޖޭގައި ހިނގާފައިނުވިޔަސް
ގައުމުތަކުގެ ރައީސުންނަށް އޮންނަ ނުރައްކާ ރާއްޖޭގައިވެސް
ރައީސުލްޖުމްހޫރިއްޔާއަށް މިހާރު އޮތްކަން ގަބޫލުކުރަންޖެހިއްޖެކަމަށެވެ. 

ދުންޔާ ވިދާޅުވީ ކޮޅުނބުގައި ތިއްބެވި
ބޭރުގައުމުތަކުގެ ޑިޕްލޮމެޓުންނަށް އެކަމަނާ ރާއްޖޭގައި މިދިމާވި ހާލަތާއިގުޅޭގޮތުން
މައުލޫމާތު ހާމަކޮށްދެއްވިކަމަށެވެ. 

ނާއިބު ރައީސް ކުށްވެރިނުވަނީސް މަގާމުން
ވަކިކުރައްވަނީ ކީއްވެގެންތޯ ބައެއް ބޭފުޅުން ސުވާލުކުރެއްވިކަމަށާއި އެކަމަނާގެ
ޖަވާބަކަށްވީ ތަހްގީގުކުރާ ފަރާތްތަކުން ނާއިބު ރައީސާއި މިހަމަލާއާއި ވަރަށް
ބޮޑަށް ގުޅޭކަމުގެ ހެކިތައް ލިބިފައިހުރުމާއި އަދި އެއާއެކު
ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނާއިބު ރައީސަށް ގެއްލުމުން އެފަދަ
އިސްމަގާމެއްގައި ބަހައްޓަން ދަތިވުންކަމަށެވެ. 

ދުންޔާ މައުމޫން ވިދާޅުވީ ރާއްޖޭގެ ހާލަތު
އޮތްވަރަށްވުރެ ކަންތައްތައް ބޮޑުކޮށްގެން އިދިކޮޅު ފަރާތްތަކުން ބޭރުދުނިޔެއަށް
ފަތުރަމުންދާކަމަށާއި އިންޑިޔާގެ ދަ ހިންދޫއަށް އެކަމަނާ ދެއްވި
އިންޓަވިއުއެއްވެސް މާނައޮޅޭގޮތަށް ފަތުރާފައިވާކަމަށެވެ. 

ރައީސް އަވަހާރަކޮށްލަން
މިދިން ހަމަލާގައި މިހާތަނަށް ޓެރަރިސްޓް ހަމަލާއެއްކަމަށް ބެލޭނެ ހެކިތަކެއް
ފެނިފައިނުވާކަމަށް ވިދާޅުނުވާކަމަށާއި އެކަމަނާ ވިދާޅުވީ އެހަމަލާއަކީ
ކަނޑައެޅިގެން ޓެރަރިސްޓް ހަމަލާއެއް ކަން ނުވަތަ އެކަމުގެ ފަހަތުގައިވަނީ އެއަށްވުރެ
ބޮޑަށް ރޭވިގެން އައި ބަޣާވާތުގެ ރޭވުމެއްކަން، މިދެގޮތުންކުރެ ވަކިގޮތެއް
ކަނޑައަޅަން އަދި ފަސޭހަނޫންކަމަށެވެ. އެކަން އެގިގެންދާނީ ތަހްގީގަށްފަހު
ޕްރޮސެކިއުޓަރ ޖެނެރަލް ދައުވާ އުފުލުމުންކަމަށް ވިދާޅުވުމުން މުޅިން
އެހެންމާނައެއްގައި އެވާހަކަ ފެތުރީކަމަށް ދުންޔާ ވިދާޅުވިއެވެ. 

ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ ރައީސަށް
މިއަމާޒުކުރި ހަމަލާއަށްފަހު ސަލާމަތީ ބާރުތަކުގެތެރޭގައި ކުރިއްސުރެ ހަމަޖެހިފައި
އޮންނަ ހަރުދަނާ އުސޫލުތަކާއި ޚިލާފް ކަންތައްތަކެއް ހުރިކަން ހާމަވެގެންދިއުމުން
މިއީ އެކަންކަން އިސްލާހްކުރައްވައި ހަރުދަނާކުރެއްވުމަށް ލިބިގެންދިޔަ ވަރަށް
ރަނގަޅު ފުރުސަތެއްކަމަށާއި ރައީސުލް ޖުމްހޫރިއްޔާ އެއިސްލާހްތައް
ގެންނަވާނެކަމާއިމެދު އެއްވެސް ޝައްކެއް ނެތްކަމަށެވެ. 



















އަދި މިހަމަލާއަކުން ދިވެހި ރައްޔިތުންގެ
ސަލާމަތަކަށް ނުވަތަ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތަކަށް އޮތް
ނުރައްކަލެއް ނެތްކަމަށާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅު
އަޅަމުންދިއުމަކީ އަބަދުވެސް ސަރުކާރުން ކުރަމުން އަންނަ ކަމެއްކަމަށް ވިދާޅުވިއެވެ.