ޚަބަރު

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި


ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފިއެވެ.

މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ މަޖިލީހުގައި ހިމެނޭ އިދިކޮޅު ކޯލިޝަންގެ 8 މެމްބަރުންނާއި، މިނިވަން ދެ މެމްބަރެއްގެ ސޮޔާއިއެކުއެވެ. މިނިވަން މެމްބަރުންގެ ތެރެއިން ސޮއިކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ.

މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވެއްދި މައްސަލައިގަ ބުނެފައިވަނީ ދިވެހިންގެ ލޭނާރުކަމަށްވާ މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި ޢާއިލާތަކަށް މިސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި، މަސްވެރިންނަށް ދޭންޖެހޭ ޚިދްމަތްތައް ނުދެވިފައިވާކަމަށެވެ.

އަދި ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް ވެފައިވާ އެއްވެސް ވައުދެއް ނުފުއްދި، ރާއްޖޭގެ ކަނޑުތަކުގައި ދިވެހި މަސްވެރިންނަށް މަސްވެރިކަން ކުރުމުގެ ފުރުސަތުވެސް ބޭރުގެ ބޯޓުފަހަރުތަކާއި ހެދި ހަނިވެފައިވާކަމަށް ބުނެފައިވެއެވެ.

މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވާއިރު، މީގެ ކުރިންވެސް ފިޝަރީޒް މިނިސްޓްރީގެ ޤާނޫނުގެ ތެރެއިން ހަދަންޖެހޭ ޤަވާއިދުތައް ނަހަދައިގެން މިނިސްޓަރ ޒިންމާ އަދާނުކުރާ މައްސަލައެއްވެސް މަޖިލިސް ތެރެއިން ބަލާފައިވެއެވެ.

ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްވެއްޖެކަމަށް ބެލޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު، އެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ހުށަހެޅުމަށް ލިބިއްޖެނަމައެވެ. ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިނަމަ އެވަޒީރަކު މަޤާމުން ވަކިވީކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ހާލަތު

ޢިދޮކޮޅު އެބައޮތްތޯ؟ ޢެހެންނަ މަވެސް މަސްވެރިކަން ދަންނަ މ މީހަކު މިނިސްޓަރަކަށް ލާންވާނީ