ޚަބަރު

ސިފައިންގެ ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި


ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރާނަމަ އަމަލު ކުރާ ގަވައިދަށް ބަދަލުތަކެއް ގެނައުމަށް ސިފައިންގެ ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤްކުރައްވައިފިއެވެ.

ސިފައިންގެ ޤާނޫނަށް އެ އިޞްލާޙު ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދެވެ. އެއިޞްލާހު މަޖިލީހުން ފާސްކުރީ މިދިޔަ ހޯމަ ދުވަހުގެ ޖަލްސާގައެވެ. އެ އިޞްލާހު ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 48 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤްކުރެއްވި އިޞްލާހަކީ ސިފައިންގެ ޤާނޫނުގެ 30 ވަނަ މާއްދާއަށް ގެނައި އިޞްލާހެކެވެ.

ކުރިން އެމާއްދާގައި ބަޔާންކުރަނީ ސިފައިންގެ މީހަކަށް ރިޓަޔާ ކުރެވޭނެ 4 ގޮތެއް ސިފައިންގެ ރިޓަޔަމެންޓް ޤަވާޢިދުގައި ބަޔާން ކުރަން ވާނެކަމަށެވެ. އެއީ ރޭންކަށް ކަނޑައެޅިފައިވާ ޢުމުރު ހަމަވުމާއި ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެއް މަޤާމެއްގައި ހުރުމާއި ސިއްހީ ޙާލަތު ތަން ނުދިނުމާއި އަމިއްލައަށް އެދުމެވެ.

މަޖިލީހުންވަނީ އެ މާއްދާއަށް 2 ކަމެއް އިތުރުކޮށްފައެވެ. އެއީ ސިފައިންގެ ފޯސް ސްޓްރަކްޗާ ދެމެހެއްޓުމަށް ރިޓަޔާކުރެވޭ ގޮތް ހެދުމާއި، ސިފައިންގެ ވަޒީފާގައި އެންމެ ޤާބިލު މީހުން ބޭތިއްބުމަށް އިސްކަން ދިނުމަށްޓަކައި ރިޓަޔާ ކުރެވޭގޮތް ހެދުމެވެ.

ސިފައިންގެ ޤާނޫނަށް މި ގެނައި އިޞްލާޙުގެ ސަބަބުން ސިފައިންގެ ރިޓަޔަރމަންޓް ޤަވާއިދުގައިވާ ގޮތުގެ މަތިން ސިފައިންނަށް ރިޓަޔަރކުރެވޭނެ ގޮތްތަށް އިތުރަށް ހަރުދަނާ ވެގެންދާނެއެވެ. މި ބިލު ތަޞްދީޤު ކުރެއްވުމާއެކު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މި ޤާނޫނު ވަނީ ޝާއިޢު ކުރައްވާފައެވެ. އަދި، މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.