ޚަބަރު

މަޑަވެއްޔާއި ހޯޑެއްދޫ ކޯޒްވޭގެ މަސައްކަތް މިއަހަރު އަލުން ފަށަނީ


ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލުމަށް ހަދާ ކޯޒްވޭ އަލުން ހެދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށަން ނިންމައިފިއެވެ.

މިދިޔަ ހަފްތާތެރޭ ހޯޑެއްދޫއަށް ވަޑައިގެން އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލުމަށް ހަދާ ކޯސްވޭގެ ޑިޒައިން މަސައްކަތް ނިމިފައިވާކަމަށާއި އެކަމަށް ބޭނުންވާ ބަޖެޓުވެސް ލިބިފައިވާކަމަށެވެ. ކޯޒްވޭ މެދުވެރިކޮށް ދެ ރަށް ގުޅާލުމުން ދެރަށުގެ ރައްޔިތުންނަށްވެސް އެކި ގޮތްގޮތުންވެސް ފައިދާތައްވާނެ ކަމަށާއި ޚާއްސަކޮށް އިޤްތިޞާދީ ގޮތުން ފައިދާވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެއް ފަޅެއްގައި އޮންނަ ހޯޑެއްދު އާއި މަޑަވެލި ގުޅުވައިދޭ ކޯޒްވޭގެ މަސައްކަތް ފެށީ 2016 ގައެވެ. އެ ކޯޒްވޭ ނިމުނުތާ މަހެއްހާ ދުވަސް ފަހުން 2018 ގައި ކޯޒްވޭގެ ސަބަބުން ދެ ރަށަށް އުދަ އަރާ ކަމަށް ބެލެވިގެން ރައްޔިތުން ނުކުމެ، ކޯޒްވޭ ކަނޑާލިއެވެ. އަދި އެއަށްފަހު މިހާރުވަނީ އަލުން ވެލި އަޅައި އެތަން ބައްދާލާފައެވެ.

ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، ހެދި ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު އަދި ފުޅާމިނުގައި 7 މީޓަރު ހުރެއެވެ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލާފައިވަނީ، އެ ދެމެދުގައި އޮންނަ ހާދޫ ކިޔާ ފަޅުރަށެއް ހިމަނައިގެން، އެ ރަށާއެކުއެވެ. މިސަރަހައްދަކީ ވިއްސާރަ މޫސުމުގައި އޮއިބާރު އަދި ވަރަށް ބޮޑަށް އޮއިދެމޭ ސަރަހައްދެކެވެ. އެސަރަހައްދު ބައްދާލައި ވެލީގެ ފާލަމެއް އެޅުމުން، މޫސުން ގޯސްވާ ދުވަސްތަކުގައި، ފެން ދައުރުވާނެ ގޮތެއް ނެތި، ހޯޑެއްދޫގެ ހުރިހާ ދިމާލަކަށްވެސް ރާޅު އަރައެވެ.

އޭރުގެ ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން މިމަޝްރޫއު ކުރިއަށްދިޔައިރުވެސް ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ތޮއްޓެއްލައި ތިމާވެއްޓަށްލިބޭ ގެއްލުންކުޑަ ކުރަން އެދުނުނަމަވެސް އެކަންވެސް ކޮށްފައިނުވެއެވެ. މަޑަވެއްޔާއި ހޯޑެއްދުއާއި ދެމެދުގެ ކޯސްވޭ ތަރައްޤީކޮށްފައިވަނީ ވެލި މަގެއްގެ ގޮތުގައެވެ. މިގޮތަށް މަގު ތަރައްޤީކޮށްފައިވަނީ އެ ދެ ރަށުގައި ބޭނުންކުރާ އެއްގަމު އުޅަނދުތަކުގެ ބާވަތްތަކާއި އާބާދީއަށް ބެލުމަށްފަހުކަމަށް އޭރު މަސައްކަތުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ވިދާޅުވެފައިވެއެވެ.