ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ސޮއިކުރެއްވުމުގެ މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެޤައުމުގެ ދެމެދުގައި މިއަދު ސޮއިކުރެވުނު މިއެއްބަސްވުންތަކުގެ ތެރެއިން ދިވެހިރާއްޖެއާއި ބަންގްލަދޭޝާއި ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިކުރުމަށާއި ދެ ޤައުމުގެ ދެމެދު ހަރުދަނާ އުސޫލެއްގެ މަތީން މަޝްވަރާތައް ކުރުމަށްޓަކައި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ދަ މޯލްޑިވްސް-ބަންގްލަދޭޝް ޖޮއިންޓް ކޮމިޝަން އޮން ކޮމްޕްރިހެންސިވް ކޯޕަރޭޝަން" ގައި ސޮއިކުރެއްވއެވެ. މި އެއްބަސްވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ޑރ.އޭ.ކޭ ޢަބްދުލް މޮމެންއެވެ.
ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު އެކިއެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށްޓަކައި ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ ގޮތުން "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ބައިލެޓްރަލް ކޮންސަލްޓޭޝަންސް" ގައި ސޮއިކުރެއްވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދާއި، ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްޞޫދު ބިން މޮމެންއެވެ.
ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި އެކަމާގުޅޭ މަޝްވަރާތަކަށް މަގުފަހިކުރުމަށްޓަކައި ދެ ސަރުކާރު ދެމެދު "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ދަ ފީލްޑް އޮފް ފިޝަރީޒް އެންޑް ޕެލަޖިކް ފިޝިންގ"ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާއި، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް ލައިވްސްޓޮކް އެސް.އެމް. ރިޒާއުލް ކަރީމެވެ.
ދިވެހި ސަރުކާރާއި ބަންގްލަދޭޝްގެ ރައްޔިތުންނާ ގުޅުން ޤާއިމުކުރުމަށްޓަކައި ދެޤައުމުގެ އާދަކާދައާއި ސަޤާފަތް ދަސްކުރުމަށާއި އެކަމަށް އަހުލުވެރިވުމަށްޓަކައި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމް (ސީ.އީ.ޕީ) ފޮރ 2022-2025 ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރ އޮފް ކަލްޗަރަލް އެފެއާޒް ކޭ.އެމް ޚާލިދެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ކުރިން ބަންގްލަދޭޝްގެ ބޮޑުވަޒީރު އުޅުއްވާ އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރުވަނީ ވަކިން ބައްދަލުކުރައްވާފައެވެ. އަދި އެއަށްފަހު ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ދޭދޭ ގުޅުންބަދަހިކުރުމާއި ގުޅޭގޮތުންވެސް ވަނީ މިއަދު ވާހަކަފުޅުތައް ކުރިއަށްގެންގޮސްފައެވެ.