ޚަބަރު

"ކޯވިޑާއެކު ގެއްލުނު އުންމީދުތައް އާވެގެންދަނީ ރައީސްގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން"


ކޯވިޑާއިއެކު ގެއްލުނު އުންމީދުތައް އާވެ، އިޤްތިޞާދީ ހީނަރުކަމުން އަރައިގަނެވޭނެކަމުގެ އުންމީދީ ނަތީޖާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގެނެސްދެއްވަމުދާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއިއެކު ރާއްޖެއަށް ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްގެ "ބާބު-3" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ނާޝިޒު ވިދާޅުވީ ކޯވިޑާއިއެކު ރާއްޖޭގެ އެތައް ބައެއްގެ އުންމީދުތައް ގެއްލި މާޔޫސްކަން ކުރިމަތިވިކަމަށެވެ. ނަމަވެސް ކޯވިޑްގެ ދަތި ހާލަތުގައި ޤައުމުގެ އިޤްތިޞާދަށް ކުރިމަތިވި ގޮންޖެހުންތަކާއި ކުރިމަތިލައި ދުނިޔޭގެ ޤައުމުތަކުގެ އެހީތެރިކަމާއިއެކު ރައްޔިތުންނަށް އުންމީދު ގެނެސްދެއްވީ ރައީސް ޞާލިހުގެ ހަރުދަނާ ސިޔާސަތުގެ ދަށުންކަަަމަށް ނާޝިޒް ވިދާޅުވިއެވެ.

ކޯވިޑާއިއެކު ވަޒީފާ ގެއްލި، އާމްދަނީއަށް އަސަރުކުރި އެތައްބަޔަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީ، މުސާރައާއި އިނާޔަތްތައް ބަރާބަރަށް ދިނުމަށްފަހުގައިވެސް ތަރައްޤީގެ އެއްވެސް މަޝްރޫޢުއެއް ނުހުއްޓި ކުރިއަށްދިޔަކަމީ މުޅި ދުނިޔެވެސް މިކަމުން ނަމޫނާ ލިބިގަންނަ ކަންތައްތަކެއްކަމަށް ނާޝިޒު ވިދާޅުވިއެވެ. އަދި މިހާލަތުން އަރައިނުގަނެވި ރާއްޖެ ބަނޑަށް ޖެހިދާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ދެއްކި ވާހަތަކަކީ އެއްވެސް ހަގީގަތެއްނެތް ސިޔާސީ މަންފާއަކަށް ދެއްކި ވާހަތަކެއްކަން މިއަދު ހާމަވެގެންދާކަމަށް ނާޝިޒު ވިދާޅުވިއެވެ.

"ކޯވިޑްގައި ވަރަށް އުގަދޫ ދަތި ހާލަތެއް.ސިވިލްސާވިސްގެ އެއްވެސް ބޭފުޅެއްގެ ވަޒީފައިން ވަކިނުކޮށް، ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން ވަޒީފާ ގެއްލުނު މީހުންނަށް އެކި ކަހަލަ އިނަޔާތްތައްދީ، 98،000 އަށްވުގެ ގޭ ބިސީތަކަށް ކަރަންޓާއި ފެނަށް ސަބްސިޓީ ދެވި، މިހުރިހާކަމެއް ކުރައްވާފަވެސް ދައުލަތުގެ ޕްރެޖހެކްޓްތައްވެސް ހުއްޓުމެއްނެތި ކުރިއަށް." ނާޝިޒު ވިދާޅުވިއެވެ.

މި ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މާފަންނު ހުނޅަގު ދާއިރާ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވީ ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެންނެވި ރާއްޖޭގެ 75 އިންސައްތަ ރަށްތަކުގެ ރައްޔިތުން ދިރިއުޅެމުންދިޔައީ ސާފު ފެން ނުލިބި، ވަރަށް ހާލުގައި ކަމަށެވެ. ނަމަވެސް ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ގާއިމްކޮށް ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރު ކޮށްދެއްވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"ކެމްޕެއިން ވައުދުތައް ރަނުން ރަނަށް ފުއްދަވަމުން ކުރަން. ރައީސް ޞާލިހު ވެރިކަމައި ހަވާލުވިއިރު ރާއްޖޭގެ އާބާދީގެ 75 އިންސައްތަ ރަށުގެ މީހުން ދިރިއުޅެނީ ނަޖިސް ފެނުގައި، ރައީސް ޞާލިހު މިދަނީ މުޅި ރާއްޖޭގައި ހުރި މިފަދަ މައްސަލަތައް ހައްލުކޮށްދީ ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދެއްވަމުން." ނާޝިޒު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ކޯވިޑާއިއެކު އިޤްތިޞާދީ ދަތިހާލަތުގައި މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ ހައްގުގައި ވަމުންދާ ވަރަށްބޮޑު ޤުރުބާނީއެއްކަމަށެވެ. އަދި އިޤްތިޞާދީ ގޮންޖެހުންތަކާއިއެކުވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަން މިސަރުކާރުން ކޮށްދެއްވާނެކަމުގެ ޔަގީންކަން މިއަދު ދިވެހި ރައްޔިތުންނަށް ލިބިފައިވާކަމީ ލިބޭ އެންމެބޮޑު ހިތްހަމަޖެހުންކަމަށް ފަލާހު ވިދާޅުވިއެވެ.