ޚަބަރު

ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު 66 އަށް


ރާއްޖެއިން ކޯވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ. އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި ނިޔާވެފައިވަނީ ރޭ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ އުމުރުން 66 އަހަރުގެ ފިރިހެނެކެވެ.

މިއީ ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 66 ވަނަ މީހާއެވެ. އަދި މިމަހުގެ ތެރޭގައި ކޯވިޑް ޖެހިގެން ނިޔާވި ހަތަރުވަނަ މީހާއެވެ. ކޯވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޯވިޑް ޖެހިގެން ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިދިޔަ ފެބުރުއަރީމަހުއެވެ. ފެބުރުއަރީމަހު ކޯވިޑް ޖެހިގެން 10 މީހުންވަނީ ނިޔާވެފައެވެ. އަދި މދިޔަ ޖެނުއަރީމަހު ކޯވިޑް ޖެހިގެން 9 މީހުން ރާއްޖެއިން ވަނީ ނިޔާވެފައެވެ.

މިއަހަރު ފެށުނީއްސުރެން ފެށިގެން ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެޗްޕީއޭއިން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިހާރުވަނީ 22،373އަށް އަރާފައެވެ. މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 19،897އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،404 މީހުންނެވެ. ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 107 މީހުންނަށްދަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،970 ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ އަދަދު މިވަނީ 603،871 އަރާފައެވެ.