ވިޔަފާރި

ރަޝިޔާގެ 4 ސިޓީއަކަށް އަމާޒުކޮށް އެމްއެމްޕީއާރުސީން ރޯޑް ޝޯވއެއް ފަށައިފި


އެމްއެމްޕީއާރުސީން ރަޝިޔާގެ 4 ސިޓީއަކަށް އަމާޒުކޮށް ރޯޑް ޝޯވއެއް ފަށައިފިއެވެ.

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ވިދާޅުވީ، މި ރޯޑް ޝޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 20 ކުންފުންޏަކުން ބައިވެރިވާކަމަށެވެ. އޭގެތެރޭގައި 12 ރިސޯޓަކާއި 2 ގެސްޓްހައުސް އަދި 6 ޓްރެވަލް އެޖެންޓުން ހިމެނޭ ގޮތަށް 33 ފަރާތެއް ބައިވެރިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި މަހުގެ 19 ވަނަދުވަހުން 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ރޯޑްޝޯވ ކުރިއަށް ދާނީ މޮސްކޯ، ކާޒާން، އެކަޓެރިންބާރގް އަދި ސެއިންޓް ޕީޓާރސްބާރގުގައެވެ. މިއީ ރަޝިޔާގައި ކުރިއަށްދިޔަ އެމް.އައި.ޓީ.ޓީ ފެއާގައި ބައިވެރިވުމަށްފަހު ކުރިއަށްގެންދާ ހަރަކާތެކެވެ. މިފަދަ ދަނޑިވަޅެއްގައި ރާއްޖެ އިޝްތިހާރުކޮށް ޓްރެވަލް ޓްރޭޑްގެ މެދުގައި ރާއްޖެއާބެހޭ މައުލޫމާތު ހިއްސާކޮށް ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެކެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ ރޯޑް ޝޯގައި ރާއްޖެއާބެހޭ މައުލޫމާތާއި ބައިވެރިވާ ފަރާތްތަކުގެ ޕްރޮޕަޓީތަކާއި އެތަންތަނުން ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުރި ކަންތައްތަކާގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. ހަތަރު ސިޓީގައި ރާއްޖޭގެ އިވެންޓަށް ޒިޔާރަތްކުރާ ޓްރޭޑްގެ ފަރާތްތައް އިތުރުކުރުމުގެ ގޮތުން ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާ ގޮތުން މިވަގުތު ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިޔާއިންނެވެ.

ދިވެހިރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ޒިޔާރަތްކުރެވޭ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އަޅާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. އެގޮތުން ފަތުރުވެރިން ފުރުމުގެ 24 ގަޑިއިރުގެ ތެރޭގައި އޮންލައިން ހެލްތު ޑިކްލަރޭޝަން ފޯމެއް ހުށައަޅައި 96 ގަޑިއިރުގެ ކުރިން ކޯވިޑް-19 އަށް ޓެސްޓްކޮށް، ނެގެޓިވް ނަތީޖާގެ ލިޔުން ހުށަހަޅަން ޖެހެއެވެ.

ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް މި ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އިތުރު ހިތްވަރަކާއި ހިތްހަމަޖެހުމެއް ލިބި ފަތުރުވެރިންގެ ރައްކާތެރިކަންވެސް ކަށަވަރު ކޮށްދެވޭނެއެވެ. އަދި ދިވެހިރާއްޖެއަކީ މި ދަނޑިވަޅުގައި ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް ގައުމުގެ ގޮތުގައި ފަތުރުވެރިންނަށް ދައްކައިދީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާނެ ކަމުގެ އުއްމީދުވެސް އާލާވެފައިވާކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ.