ވިޔަފާރި

ދޫގަސް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ހަވާލުކުރަނީ


އައްޑޫ ސިޓީގައި ހުންނަ ދޫގަސް ގެސްޓް ހައުސް ތަރައްޤީކުރުމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ހަވާލުކުރުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިނުގައި އައްޑޫ ސިޓީއަށް ޚާއްސަކޮށްގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ދޫގަސްގެ ސްޓެލްމަންޓު އެއްބަސްވުމެއްގައި އެމްޕީއެލްއާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކުރީ ސަރުކާރުން ވަނީ 2017 ވަނަ އަހަރުތެރޭ ދޫގަސްގައި ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާއި ހަވާލުކޮށްފައެވެ. އެހެން ނަމަވެސް މި މަޝްރޫޢު އެދެވޭ ބާރު މިނެއްގައި ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ދޫގަސް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ހަވާލުކުރުމަށް ހަމަޖެހިފައިވާއިރު، އެމްޕީއެލްއިން ދޫގަސްއަށް ނަގާފައިވާ ލޯނެއް އެބައޮތް ކަމަށެވެ.

"ދޫގަސްގެ މިހާރު ދަރަނި، އެމްޕީއެލްއިން ދައްކަންޖެހޭ ލޯނެއް އެބައޮވޭ، ދެން ސަރުކާރުން މިއަހަަރުގެ ނިމުމުގެ ކުރިން ސަރުކާރު ބަޖެޓްގެ ތެރެއިން އެމްޕީއެލްއަށް އިންޖެކްޓްކޮށްގެން އެކަން ކުރެވޭތޯ މަސައްކަތް އެބަކުރަން،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވަނީ ފަތުރުވެރިކަން ތަރައްޤީކުރުމަށް އަމިއްލަ ފަރާތްތަކުން ބޭނުންވާ ލޯނުތައް ހަމަޖެއްސުމުގައި ސަރުކާރުން ގެރެންޓީ ދިނުމާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ.

"މިހާރުވެސް މިފަދަ އުސޫލެއް ވާނެ ޕަބްލިޝް ކުރެވިފައި، ފީސަބަލް ރަނގަޅު ޕްރޮޖެކްސްޓްތަކަށް، ކުރިއަށް އޮތްތާގައި ސޮވްރެން ގެރެންޓީވެސް ފަތުރުވެރިކަމަށް ދެވޭނެ ގޮތްތަށް ހުންނާނެ އުސޫލުގައި ކަނޑައަޅާފައި،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ސަރުކާރުން ދަނީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ބިންތަކުގެ މަސައްކަތްތައް ހަލުވިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރޭގައި ސިޓީ ހޮޓާތަކާއި ގެސްޓް ހައުސްތަކުގެ އިތުރުން ރިސޯޓްތަކާއި ޔޮޓް މެރީނާތައް ހިމެނެއެވެ.