ވިޔަފާރި

ބީއެމްއެލްއިން އީއައިބީ ކޯވިޑް ރިލީފް ލޯން ބަލައިގަތުން ހުއްޓާލައިފި


ބީއެމްއެލްއިން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް، އީއައިބީ ކޯވިޑް ރިލީފް ލޯން ބަލައިގަތުން ހުއްޓާލައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ވިދާޅުވީ އީއައިބީ ކޯވިޑް ރިލީފް ލޯނުގެ ފަންޑަށް ކަނޑައެޅިފައިވާ އަދަދު ހަމަވުމާއެކު މިލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން މިއަދުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ.

އީއައިބީ ކޯވިޑް ރިލީފް ލޯންއަކީ ކޯވިޑް ރިލީފް ސަޕޯރޓްގެ ދަށުން ކުދި ވިޔަފާރި އާއި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބީއެމްއެލްއިން އިތުރު ފައިނޭންސިންއެއްގެ ގޮތުގައި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ(އީއައިބީ) ފަންޑުގެ ދަށުން ދޫކުރެވޭ ފައިނޭންސްއެކެވެ. މިލޯން ތައާރަފްކޮށްފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެތެރޭގައެވެ.

ކޯވިޑްއާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކޮށްފައިވާ ނޭދެވޭ އަސަރާއި ގުޅިގެން އީއައިބީއިން ވަނީ މިނިސްޓްރީ އޮފް ފިނޭންސްއާ ބޭންކް އޮފް މޯލްޑިވްސްއާއެކު މިދިޔަ ޖޫންމަހު 20 މިލިއަން ޔޫރޯގެ ލޯން އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ. މިއީ ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކުގައި ހިމެނޭ ކުދި ވިޔަފާރި އާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި އިޤްތިޞާދުކޮޅަށް ޖެހުމުގެ ގޮތުން ހަމަޖެހިގެން ދިޔަ ފަންޑިންގއެކެވެ. މިއީ އެކްސްޓަރނަލް ލެންޑިންގ މެންޑޭޓްގެ ދަށުން ދޫކުރެވިފައިވާ ލޯނަކަށްވުމާއެކު ޔޫރަޕިއަން ޔޫނިއަންގެ ކޮންޕްރިހެންސިވް ގެރެންޓީގެ ދަށުން ޚާއްސަ ލުއިތަކެއްވެސް ލިބިގެންދެއެވެ.

3000 އަށްވުރެ މަދުން މުވައްޒަފުން ވަޒީފާ އަދާ ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އީއައިބީ ލޯނުގެ ދަށުން ލޯނަށް އެދި ހުށަހެޅެއެވެ. މިގޮތުން 15.42 މިލިއަން ރުފިޔާ އާ ހަމަޔަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އޭރުހުޅުވާލިއެވެ.

މިލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ މިހާރު ލިބެންހުރި ލޯނުތަކަށްވުރެ ކުޑަ އިންޓްރެސްޓެއްގައި އަދި ލޯނު އަނބުރާދެއްކުމަށް މިހާރު ލޯނުތަކަށް ދެމުންދާ މުއްދަތަށް ވުރެ ދިގު މުއްދަތެއްވެސް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.