ޚަބަރު

ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންނަށްވެސް ރަޖިސްޓްރީކޮށްފައިވާ ފޮއްޓަކަށް ވޯޓް ލެވޭނެ: އީސީ


އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ރަޖިސްޓްރީވެފައި ތިބި މީހުންނަށްވެސް މިހާރު ރަޖިސްޓްރީ ކޮށްފައިވާ ފޮއްޓަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ރަޖިސްޓްރީވެފައި ތިބި މީހުންނަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ގެނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

ކޮމިޝަނުން ހުޅުވާލުމާއި ގުޅިގެން ސިއްރުކަން ގެއްލޭގޮތަށް ވޯޓަށް ރަޖިސްޓްރީ ކޮށްފައިވާ މީހުން އަލުން ރީ ރަޖިސްޓްރީ ނުކޮށްފިނަމަ ވޯޓު ނުލެވޭނެކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަވަމުންދާ ވާހަކަތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށްވެސް ވޯޓުލުމުގެ ފުސަތު ލިބިގެންދާނެކަމަށެވެ.



އިލެކްޝަންސް ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް 8000 މީހުން ރީ-ރަޖިސްޓްރީ ކޮށްފައިވާކަމަށް ބުނެފައެވެ.

ސިއްރުކަން ގެއްލޭގޮތަށް ވޯޓަށް ރަޖިސްޓްރީ ކޮށްފައިވާ މީހުން އަލުން ރީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ މިފަރާތްތަކުގެ ލިސްޓު އާންމު ކުރުމަށްފަހުއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މި ލިސްޓުގައިވާ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު މިއަދުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ބަދަލު ނުކޮށްފިނަމަ، މި ފަރާތްތަކަށް ވޯޓު ލެވޭނީ މިހާރު ރަޖިސްޓްރީވެފައިވާ ތަން ނުވަތަ ރަށަށް ކަމަށާއި، އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ލިސްޓުގައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 273128 އެވެ.

މި އިންތިޚާބުގައި ޖުމްލަ 3934 ކެނޑިޑޭޓުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

ކައުންސިލް އިންތިޚާބަށް ކުރިމަތިލީ ބައެއް ކެނޑިޑޭޓުންނަން ނަން ނެގުމާއި އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ އިތުރަށް ކެނޑިޑޭޓުން ކުރިމަތިލާފައި ނުވުމުން ކައުންސިލްތަކުގެ 22 މަގާމަކަށް 30 މެމްބަރުންނަށް ވޯޓަކާއި ނުލާ ގޮނޑިވަނީ ކަށަވަރުވެފައެވެ. އޭގެތެރޭގައި 21 ގޮނޑި ވެރިކަންކުރާ އެމްޑީޕީއަށް ލިބުނުއިރު އަނެއް ގޮނޑިތައް ކަށަވަރުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓުންނެވެ.