ދުނިޔޭގެ ވިޔަފާރި

ބައިނަލްއަޤްވާމީ ޝެޑިއުލް ދަތުރުތަކަށް އިންޑިއާގެ ބޯޑަރުތައް ހުޅުވާލުން ފަސްކޮށްފި


ބައިނަލްއަޤްވާމީ ޝެޑިއުލް ދަތުރުތަކަށް އިންޑިއާގެ ބޯޑަރުތައް ހުޅުވާލުން ފަސްކޮށްފިއެވެ.

އިންޑިއާގެ ބޯޑަރުތައް ބައިނަލްއަޤްވާމީ ޝެޑިއުލް ދަތުރުތަކަށް ބަންދުކޮށްފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެދަށުން، މިދިޔަ އަހަރުގެ މޭމަހުގެތެރޭގައެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަންގެ ޑައިރެކްޓަރ ޖެނެރަލްއިން ވަނީ އެޤައުމުގެ ބޯޑަރުތައް ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލުން އަންނަމަހުގެ ނިޔަލަށް ފަސްކޮށްފައެވެ. ކޯވިޑް-19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކާއެކު އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި މިއޮތް މުއްދަތުގައި އެޤައުމުންވަނީ އެކި ޤައުމުތަކާއެކު ޓްރެވަލް ބަބުލްތައް ޤާއިމްކޮށް ދެޤައުމު ދެމެދު ދަތުރުތައް ކުރެވޭނެ ގޮތް ހަމަޖައްސާފައެވެ.

މިހާތަނަށް އިންޑިއާއިން ވަނީ 27 ޤައުމަކާއި އެކު ޓްރެވަލް ބަބުލް އެއްބަސްވުން ޤާއިމްކޮށްފައެވެ. މި ދަތުރުތަކުގައިވެސް އެޤައުމަށް އެތެރެވުމަށް ބޭރުގެ ޤައުމުތަކުގެ މީހުންނަށް ޚާއްސަ ހުއްދައެއް ބޭނުންވެއެވެ.

އިންޑިއާ އާއެކު ޓްރެވަލް ބަބުލް އެއްބަސްވުން ހަދާފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ އާއި އަފްޣާނިސްތާން، ބަހްރެއިން، ކެންޔާ، ކެނެޑާ، ފްރާންސް، ބޫޓާން، ޖަރުނަމްވިލާތް، އިރާގު، ޖަޕާން، އޮމާން، ނެދަލެންޑްސް، ގަތަރު، ޔޫކޭ އާއި އެމެރިކާ ހިމެނެއެވެ.