ޚަބަރު

އަޚްލާޤު ރަނގަޅު، ކުށްމަދު ގައިދީންނަށް މަޢާފް ދިނުމަށް ދެންނެވުމަށް މަޖިލީހުން ފާސްކޮށްފި


ހިންމަފުށި އައްސޭރި ޖަލުގައި ތިބި އަޚްލާގު ރަނގަޅު ގައިދީންނާއި، ކުށްކުރުން މަދު މީހުން ފާހަގަކޮށް، ޚާއްސަ އުސޫލެއްގެ ދަށުން، އެފަދަ މީހުންނަށް މަޢާފު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް 200 އަށްވުރެ ގިނަ ގައިދީންގެ ކަންބޮޑުވުމާއިއެކު ހުށަހަޅާފައިވާ މިމައްސަލައިގަ ކޮމިޓީންވަނީ ގިނަ ލަފާތަކެއް ކަމާއި ގުޅުންހުރި އިދާރާތަކަށް ދެއްވާފައެވެ. މިރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ 26 މެމްބަރުންގެ ވޯޓުންނެވެ.

އައްސޭރި ޖަލުގައި ތިބި ގައިދީންނާގުޅޭ ކަންބޮޑުވުންތަކެއް ބަޔާންކޮށް ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެއް ދިރާސާކޮށް އެކޮމިޓީން ނިންމިގޮތުގެ ރިޕޯޓްގައި ވަނީ 13 ކަމެއް ހިމަނާފައެވެ. އެގޮތުން ކުށްކުރާ މީހުންނަކީ ޖަލުގައި ބަންދުކޮށް މުޖުތަމައުން އެކަހެރި ކުރެވޭ ބަޔަކަށް ހެދުމުގެ ބަދަލުގައި، ކުދިކުދި ކުށްކުރާ މީހުން "ނޮން ކަސްޓޯޑިއަލް ސެންޓެންސް"ގެ ދަށުން، މުޖުތަމައަށް ބޭނުންތެރި ޚިދުމަތެއް ކުރުމަށްފަހު އެކުރި ކުށަށް މައާފު ލިބޭނެ ނިޒާމެއް ގާއިމު ކުރުމަށާއި އެކަމަށް މަގުފަހި ކުރުމަށްޓަކައި، ކަމާގުޅޭ ޤާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީން ފާސްކުރި ރިޕޯޓްގައިވެއެވެ.

ކޮމިޓީ ރިޕޯޓްގައި ޖަލު ތަކުން މަސްތުވާތަކެއްޗާއި، މަސްތުވުމަށް ބޭނުންކުރާ ބޭހާއި ދުންފަތުގެ ބާވަތްތައް ފަސޭހަކަމާ އެކީގައި ލިބުމާއި ބޭސް ސިޓީއެއް ނެތި ގައިދީންނަށް ބައެއް ބޭސް ދެމުންދާކަމީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް ބުނެ، އެފަދަ ކަންކަން ކުރިމަގުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ޒިންމާދާރުކަމާއެކީ ޖަލުތައް މޮނިޓާ ކުރުން މުހިންމު ކަމަށްވެސް ބަޔާންކުރެއެވެ.

އަދި ގައިދީންނަށް ހައްގުވާ ކްލެމެންސީ ދިނުމުގައި ގިނަ ދުވަސްތަކެއް ވުމާއި، ކްލެމެންސީ ބޯޑުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ވީއެންމެ އަވަހަކަށް ގެނައުމަށްވެސް ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން ގައިދީންނަށް ހައްގުވާ ޕެރޯލްގެ ފުރުސަތު ދިނުމުގައި ގިނަ ދުވަސްތަކެއް ވުމާއި އަދި ޕެރޯލް ބޯޑުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި، ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ވީ އެންމެއަވަހަކަށް އިސްލާހު ގެނައުމަށްވެސް ހިމަނާފައިވެއެވެ.