އެމެރިކާއަށް ކުރިމަތިވެފައިވާ ހިޖުރަވެރިންގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކުރާ މަސައްކަތަކުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާނީ އެ ޤައުމުގެ ނައިބު ރައީސް ކަމާލާ ހެރިސްކަމަށް އެ ޤައުމުގެ ރައީސް ޖޯ ބައިޑަން އިޢުލާނުކުރައްވައިފިއެވެ.
ބައިޑަންގެ ނިންމެވުމާއެކު ހިޖުރަވެރިންގެ މައްސަލައަށް ޙައްލެއް ހޯއްދެވުމަށް އެމަނިކުފާނުގެ ސަރުކާރުން އަޙަންމިއްޔަތުކަން ދޭ މިންވަރުވަނީ ސާފުވެގެން ގޮސްފައެވެ. ހެރިސަކީ އެމެރިކާއަށް ހިޖުރަކޮށްފައިވާ ދެމަފިރިންނަށް އުފަން އަދި ހިޖުރަވެރިންގެ ޙައްޤުތަކަށް އަބަދުވެސް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. 2014ވަނަ އަހަރުގެ ތެރޭގައި ކެލިފޯނިޔާ ސްޓޭޓުގެ ބަންޑާރަ ނައިބުގެ މަޤާމުގައި ހެރިސް ހުންނަވައި އެކަމަނާވަނީ ގިނަ ޢަދަދެއްގެ ކުޑަކުދިން ބެލެނިވެރިންނާ ނުލައި މެކްސިކޯގެ ސަރަޙައްދީ ރޮނގު ހުރަސްކުރުން ގިނަވުމުން އެ މައްސަލަ ބެއްލެވުމުގައި އިސްކޮށް މަސައްކަތް ކުރައްވައިފައެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕު ހިޖުރަވެރިންނާ ދެކޮޅަށް ގެންގުޅުއްވި ހަރުކަށި ސިޔާސަތުތަކަށް ލުއި ދެއްވާނެކަމަށް މިހާރުގެ ރައީސް ޖޯ ބައިޑަންވަނީ ވަޢުދުވެވަޑައިގެންފައެވެ. ނަމަވެސް އަނިޔާވެރިކަމާއި ގުދުރަތީ ކާރިޘާތަކާއި އިޤްތިޞާދީ ދަތިތަކުން ސަލާމަތްވުމަށް ސަރަޙައްދީ ރޮނގު ހުރަސްކޮށް އެމެރިކާއަށް އެތެރެވުމަށް މަސައްކަތްކުރާ މީހުންގެ ޢަދަދު ފާއިތުވި ދުވަސްތަކުގައި އިތުރުވުމުން އެމެރިކާގެ ސަރުކާރަށްވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ހިޖުރަވެރިންގެ މައްސަލައަށް ޙައްލެއް ހޯދޭނީ މެކްސިކޯއާއި މެދުތެރޭ އެމެރިކާގައި ހިމެނޭ ތިން ޤައުމުކަމަށްވާ ގުއަޓަމާލާއާއި އެލްސަލްވަޑޯއާއި ހޮންޑިޔުރަސްގެ އެހީތެރިކަމާއެކުކަމަށް ބައިޑަން ވިދާޅުވިއެވެ. އެ ޤައުމުތަކާއެކު މަސައްކަތްކޮށް ޚާރިޖީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކާ ޙަވާލުވުމަށް ހެރިސް އެއްބަސްވެވަޑައިގެންފައިވާކަމަށް ބައިޑަން ވިދާޅުވިއެވެ. ބައިޑަން ވިދާޅުވީ ހިޖުރަވެރިންގެ މައްސަލައަށް ޙައްލެއް ހޯދުމަށް ގެންގުޅެވޭނެ އެންމެ ހަރުދަނާ ސިޔާސަތަކީ ހިޖުރަކުރާ މީހުން އެކަންކުރަން ބޭނުންނުވާނެފަދަ ގޮތަކަށް ކަންކަން ޤައުމުތަކުން އިންތިޒާމުކުރުންކަމަށެވެ.