ރ. މަޑުއްވަރީގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުޙުމަތުކުރެވޭ މައްސަލައިގެ ތަޙްޤީޤަށް ބޭނުންވާ އިތުރު ކަންކަން ބެލުމަށްޓަކާ، އެ ކުއްޖާ މާލެ ގެނެސް ނަފްސާނީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައިވަނީ މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓުން މި މައްސަލަ ތަޙްޤީޤުކުރަމުންދާކަމަށެވެ. މި މައްސަލަ ހުށަހެޅުމާއެކު ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ކުއްޖާ އެރަށުގެ ޞިއްޙީ މަރުކަޒަށް ދައްކާފައިވާކަމަށާއި، ކުއްޖާ ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމަކީ މުހިއްމުކަމެއްގެ ގޮތުގައި ބެލެވި، އެރަށް ހިމެނޭ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލުގެ ސްޕެޝަލިސްޓުންނަށްވެސް ދައްކާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަހުޤީޤަށް ބޭނުންވާ އިތުރު އެސަސްމަންޓް ހެދުމަށްޓަކައި ކުއްޖާ މާލެ ގެނެސް ނަފްސާނީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ސައިކިއެޓްރިސްޓަކަށް ދައްކައި ސައިކިއެޓްރިކް އެސެސްމެންޓް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
މިމައްސަލައާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ފުލުހުންނާއި ހިއްސާކުރަމުންދާ މައުލޫމާތުތަކާއި، މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމާއި، މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި ގަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި ދައުލަތުގެ ފަރާތުން ކުއްޖާއަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދީ، މިމައްސަލައާ ގުޅިގެން ކުއްޖާގެ އާއިލާއަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތުތައް ދުވަހުން ދުވަހަށް ހިއްސާކުރަމުންގެންދާކަންވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
ކުޑަކުދިންނާ މެދު ހިންގޭ އެކިބާވަތުގެ އަނިޔާގެ މައްސަލަތަކަކީ ސީރިއަސް އަދި އަވަހަށް ފިޔަވަޅުއަޅަން ޖެހޭ މައްސަލަތަކެއްގެ ގޮތުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާތީ، ފުލުހުންގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލާއެކު މިފަދަ މައްސަލަތައް ތަޙްޤީޤު ކުރުމުގައި ހަރަކާތްތެރިވާ ފުލުހުންނަކީ ޚާއްސަ ތަމްރީނު ލިބިފައިވާ ފުލުހުންނަށް ވާންޖެހޭނެކަމަށް ކަނޑައަޅައި، މިފަދަ މައްސަލަތަކުގައި ހަރަކާތްތެރި ވާނީ ޚާއްސަ ތަމްރީނު ލިބިފައިވާ ފުލުހުންނަށް ވީހިނދު، މިފަދަ މައްސަލަތަކަކީ، ސުޕަވައިޒް ކުރުމުގައާއި، މޮނިޓަރ ކުރުމުގައި ފުލުހުންގެ ފަރާތުން ޚާއްސަ ސަމާލުކަމެއްދޭ މައްސަލަތަކެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައާ ގުޅިގެން ތަޙްޤީޤުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހާ ރައްޔިތުންނަށް ފުލުހުންގެ މުއައްސަސާއިން ވަނީ އަރުވާފައެވެ.